ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

އަމިއްލަ ގެއިން ކެއުން ފަދަ ކަންކަން ހަމަޖެހިފައި ނެތް މީހުން އަމަލުކުރަންވީ ގޮތް ވަރަށް އަވަހަށް އަންގާނެ: އަމީން

1

އަމިއްލަ ގެއިން ކެއުން ފަދަ ކަންކަން ހަމަޖެހިފައި ނެތް މީހުން އަމަލުކުރަންވީ ގޮތް ވަރަށް އަވަހަށް އަންގާނެ ކަމަށް މިނިސްޓަރު އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މާލެ ލޮކްޑައުންކުރުމާ ގުޅިގެން ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ދަތިތަކާއި އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަކުރުމަށްޓަކައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ދުރާލާ ތައްޔާރުވެފައިވާ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެން މިއަދު ކުރިއަށްހުރި ވަގުތުތަކުގައި ކުރިމަތިވާނެ އުނދަގޫތަކަށް އެޑްރެސްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު އަޅުގަނޑުމެން ހިއްސާކުރާނަން. ކާބޯތަކެތި އިތުރަށް ހޯދަންޖެހޭ ހާލަތަކަށް ދިއުމާއި އަދި އަމިއްލަ ގެއިން ނޫން ގޮތަކަށް ކެއުމުގެ އިންތިޒާމުތައް ހަމަޖެހިފައިނުވާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތްތަކާއި އަދި ޒަރޫރީ ހާލަތްތަކުގައި ކުރަންޖެހޭ ކަންތައްތައް ކުރުމުގެ އިންތިޒާމުތައް މިއަދުގެ ކުރިއަށްހުރި ވަގުތުތަކުގައި ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ފޯރުކޮށްދޭނެ. މިވަގުތު އެންމެ މުހިންމު ކަމަކީ ކެތްތެރިކަމާއެކީގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް އަމަލުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ފަރުވާގެ އިންތިޒާމުތަކާއި ކޮންޓެކްޓް ޓްރޭސިން ހެދޭނެ ގޮތްތަކަށް ވެސް ތައްޔާރުވެފައިވާ ކަމަށާއި މިފަދަ ހާލަތެއްގައި މާލެ ތެރޭގެ ކަންކަން ތަރުތީބުކުރެވޭނެ ގޮތްތައް ބަހާލެވި، ހާއްސަކޮށް މާލޭގެ ލޮކްޑައުންގެ ދުވަސްތައް އިތުރުވާން ޖެހިއްޖެ ހާލަތެއްގައި ވެސް މާލެ ތެރޭގައި ކާބޯތަކެތި ފޯރުކޮށްދެވޭނެ ގޮތާއި ބޭސް ފޯރުކޮށްދެވޭނެ ގޮތާއި އަދި މިނޫން ކޮންމެހެން ކުރަންޖެހޭނެ ކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭނެ އިންތިޒާމުތައް މިހާރުވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް 19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުންގެ ހާލަތުގައި މީހުން ނުކުމެ އުޅުމާއި، އުޅަނދުފަހަރުތައް ފުރުން ވަނީ މަނާކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟