ޚަބަރު

މި ބަލީގެ ފަރުވާއަކީ ގޭގައި ތިބުން، އިޖުތިމާއީ ގައިދުރުކަން: މިނިސްޓަރު އަމީން

މި ބަލީގެ ފަރުވާއަކީ ގޭގައި ތިބުން ކަމަށާއި އިޖުތިމާއީ ގައިދުރުކަން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ އާބާދީ ތެރޭގައި ފެތުރެން ފެށީމަ ދެން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެ ފެތުރުން ލަސްކުރެވޭނެ ގޮތަކަށް ކަމަށެވެ.

"ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ މި ބަލީގެ ފަރުވާއަކީ ގޭގައި ތިބުން. މި ބަލީގެ ފަރުވާއަކީ އެކަކު އަނެކެއްގެ މެދުގައި ބަހައްޓަން ޖެހޭ ފިޒިކަލް ދުރުމިން ބެހެއްޓުން. މިވަގުތު އަޅުގަނޑުމެން ހާސްވެ، ކުއްލިއަކަށް ގޮސް ފިހާރައިގައި ހުންނަ ހުރިހާ އެއްޗެއް ގަނެ އަދި މިވަގުތު އަޅުގަނޑުމެން ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ކުރަން ދިމާކޮށްފި ކަމަށްވާނަމަ، އޭގެ ސަބަބުން ބަލި އިތުރަށް ފެތުރުމަށް ހުރި ކަންކަމަށް ބޮޑަށް މަގުފަހިވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އަންދާޒާކުރުންތަކަށް ބަލާ އިރުގައި މި ދުވަސްވަރު މި ހިސާބު މިއީ ރާއްޖޭގެ ކޮމިއުނިޓީއަށް ފެތުރުމުގެ ފުރުސަތު އޮތް ދުވަސްވަރެއް ކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި މިހާ ހިސާބަށް އައިސްފައިވާނީ އެ ލަފާކުރުންތަކަށް ބަލައިގެން ކަމަށެވެ.

"އެހެންވީމާ މިހާ ހިސާބުން އަޅުގަނޑު އިލްތިމާސްކުރަން މިވަގުތު ވެސް ރައްޔިތުން އަޅުގަނޑުމެން ކެތްތެރިކަމާއެކީގައި އަމަލުކުރަމުންދިއުން. އަދި އެއްބައެއް އަނެއްބަޔަކަށް އަޅާލުމާއި އޯގާތެރިކަމަކީ ވަރަށް މުހިންމު ކަމެއް. މިއަދު މިކަން ދިމާވި އާއިލާއަށް އޯގާތެރިވާން މިޖެހެނީ އަޅުގަނޑުމެން ކޮންމެ މީހެއްގެ އާއިލާގެ ތެރެއަށް މީގެ ނުރައްކާ އަތުވެއްޖެ ހިނދެއްގައި އެކަކު އަނެކަކަށް އަޅާލަން ޖެހޭ މިންވަރަށް. އެކަކު އަނެކަކާ ދޭތެރޭ އޯގާތެރިކަން ބަހައްޓަން ޖެހޭ މިންވަރަށް މިކަން ކުރަން ޖެހޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުނު ކަމުގައިވީ ނަމަވެސް، ބައްޔަށް ޕޮޒިޓިވްވި ކަމުގައިވީ ނަމަވެސް ތަފާތުކުރުމެއްނެތި ފަރުވާގެ ކަންކަން އިންތިޒާމުކުރާނެ ކަމަށާއި ތަފާތުކުރުމެއްނެތި އެ ބަޔަކާ ދޭތެރޭގައި އޯގާތެރި ނަޒަރުން ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.