ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން

ކޮވިޑް ޖެހިފައި ވަނިކޮށް މާލޭން ފެނުނު މީހާއާ ކޮންޓެކްޓްވި މީހުން މި އަންނަނީ ހޯދަމުން: މިނިސްޓަރު

ކޮވިޑް ޖެހިފައި ވަނިކޮށް މާލެތެރޭން ފެނުނު މީހާއާ ކޮންޓެކްޓް ވި އެންމެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ މިއަދު މާލެއިން ފެނުނު ކޮވިޑް 19އަށް ޕޮޒިޓިވްވި މީހާއަކީ މިފަހުގެ ދުވަސްތަކުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށާއި ރާއްޖެއިން ބޭރުން އައި މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހާކާ ސީދާ ގުޅުން ހުރި މީހެއްކަން އަދި އެނގިފައިނުވާ ކަމަށެވެ.

"މި ޕޮޒިޓިވްވި ފަރާތާ ސީދާ ކޮންޓެކްޓްވި ހުރިހާ ފަރާތްތަކެއް ފާހަގަކުރެވި، އަދި އެ ފަރާތްތަކުގެ ދެން ހުރި ކޮންޓެކްޓްސް ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި މިހާރު ކުރެވެމުން އެބަދޭ. މިވަގުތު އަޅުގަނޑުމެންނަށް އޮތް އެންމެ ނާޒުކު، އެންމެ މުހިންމު ވަގުތުކޮޅަކީ އެ ފަރާތާ ކޮންޓެކްޓްވި ފަރާތްތައް ދެނެގަތުމަށް ކުރެވޭ މަސައްކަތަށް ފުރުސަތު ލިބިގެންދިއުން. އެ ފުރުސަތުގެ ތެރޭގައި އެންމެ މުހިންމު ކަމަކީ މި ދަނޑިވަޅުގައި ވެސް މާލެ ތެރޭގައި ފެތުރުމަށް ހުރި ކަންކަން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް. އެ ސަބަބަށްޓަކައި މިހާ އަވަހަށް މާލެ ލޮކްޑައުންކޮށް، ކުރަންޖެހޭ މަސައްކަތްތައް މިކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިއަދު މާލެއިން ޕޮޒިޓިވްވި ކޭސްއެއް ފެނުމާ ގުޅިގެން މާލެ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން އިންތިޒާމުކުރުމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަކީ މިވަގުތު އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ކޮވިޑް 19އަށް މާލެއިން ދިވެއްސަކު ޕޮޒިޓިވްވުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ 24 ގަޑިއިރަށް މާލެ ލޮކްޑައުންކޮށްފައެވެ. އަދި ލޮކްޑައުންގެ ހާލަތުގައި މީހުން ނުކުމެ އުޅުމާއި، އުޅަނދުފަހަރުތައް ފުރުން ވަނީ މަނާކޮށްފައެވެ.