ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކާބޯތަކެތީގެ ރަނގަޅު ސްޓޮކެއް އެބަހުރި: ރައީސް

ރާއްޖޭގައި ކާބޯތަކެތީގެ ރަނގަޅު ސްޓޮކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

މާލޭން ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކާބޯތަކެއްޗާއި ޒަރޫރީ ބޭނުމަށް ބޭނުންވާ ބޭހާއި މިނޫންވެސް ހުރިހާ ތަކެއްޗެއްގެ ސްޓޮކް ރަނގަޅު މިންވަރަކަށް އެބަހުރި ކަމަށެވެ.

އަދި މިފަދަ ހާލަތުގައި ވެސް ޒަރޫރީ ބޭނުންތައް ފުއްދޭނެ ފަދަ ގޮތްތައް އިދާރާތަކުން ރާވާފައިވާ ކަމަށާއި އެކަންކަމުގެ ތަފްސީލުތައް އެ އިދާރާތަކުން ހާމަކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަމުގައި ދަތިތަކާ ކުރިމަތިވާނެކަން އެނގޭ ކަމަށެވެ. ނަމަވެސް މުޖުތަމައުގެ ރައްކާޓެރިކަމަށް އެންމެން އެކުގައި މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ހިކުމަތްތެރިކަމާއެކު އެކުގައި މަސައްކަތްކުރުމުން މިކަމުން އަރައިގަނެވޭނެ ކަމަށެވެ.

"ހުރިހާ ރައްޔިތުންނަށް ޔަގީންކަން އަރުވަނީ، ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން މިބަލި ފެތުރޭ މިންވަރު ވީހާވެސް ކުޑަކުރުމަށް ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.