ޓޫރިސްޓް ރިސޯޓު ތަރައްގީކުރުމަށް ބިޑަކާނުލައި ރަށްތައް ދޫ ނުކުރެވޭ ގޮތަށް ހެދުމަށް ޓުއަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި އެ ބިލު މިއަދު ފާސްކުރައްވާފައިވަނީ ވޯޓުގައި ބައިވެރިވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅާފައި ވަނީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއް ނުވަތަ ބިމެއް ޓުއަރިޒަމްގެ ބޭނުމަކަށް ކުއްޔަށް ދިނުމުގައި މިހާރު އޮތް އުސޫލަކީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ނުލިބޭ އުސޫލެއް ކަމަށެވެ.
އަދި މިހާރު އޮތް އުސޫލަކީ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ކުރުމުގެ ފުރުސަތު އޮތް އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ޓޫރިޒަމްގެ ބޭނުންތަކަށް ރަށް، ބިން އަދި ފަޅުތައް ކުއްޔަށް ދެވެން ޖެހޭނީ ޓޫރިޒަމާ ބެހޭ މިނިސްޓްރީން އާންމުކޮށް އިއުލާންކޮށްގެން ކަނޑައަޅާ އުސޫލުތަކެއްގެ މަތީން ކަމަށެވެ.
އެތަންތަން ހައްގުވާނީ އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް ވަނީ އެ އިސްލާހުގައި ބުނެފައެވެ.