ޚަބަރު

މި ދުވަސްވަރުވެސް ސިވިލް ސާވިސް މުވައްޒަފުންނަށް ހައްގުވާ ޗުއްޓީ ނެގޭނެ: ސީއެސްސީ

އަލީ ޔާމިން

ކޮވިޑް 19 ފެތުރުން ހުއްޓުވުމުގެ ގޮތުން މިިދިޔަ މަހުގެ 19ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކުރި ނަމަވެސް ސިވިލް ސާވެންޓުނަށް ހައްގުވާ ޗުއްޓީ އުސޫލުގެ މަތިން ލިބޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ސީއެސްސީއިން މިހެން ބުނީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން، ރާއްޖޭގައި ކޮވިޑް 19 ކޮންޓްރޯލްކުރުމުގެ ގޮތުން މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެހެން ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފައިވާ މުއްދަތުގައި ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑިއާއި، ޗުއްޓީ، ގަޑީލާރި އަދި އިތުރުގަޑީގެ ފައިސާ ދިނުމުގައި އިދާރާތަކުން އަމަލު ކުރާނެ ގޮތާ ބެހޭ ގޮތުން އެ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމު ސޮއިކުރައްވައި މިއަދު ނެރުނު ސާކިއުލާއެއްގައެވެ.

އެ ސާކިއުލާގައިވާގޮތުން އެ އިދާރާއަކުން ރައްތިތުންނަށް ދޭން ޖެހޭ ހިދުމަތުގެ ބާވަތުން މުވައްޒަފުން ހިދުމަތަށް ނުކުމެ މަސައްކަތް ކުރުމަށް ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރަން ޖެހޭނެ ދުވަސްތަކަކަށްވާތީ، މި ދުވަސްތަކާމެދު ހުރިހާ ސިވިލް ސާވިސްގެ އިދާރާއަކުންވެސް އަމަލުކުރަން ވާނީ، ދިވެހި ސިވިލް ސާވިސްގެ ގަވައިދުގެ ޗެޕްޓާ 17ގައިވާ ގޮތުގެ މަތިން މަސައްކަތު ދުވަސްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި މި ދުވަސްތަކުގައި އިދާރާތަކުން އަންގާ ގޮތެއްގެ މަތިން މުވައްޒަފުންގެ ހިދުމަތް އެ އިދާރާއަކަށް ދޭންވާނެ ކަމަށާއި އޮފީހަށް ކޮންމެހެން ނިކުމެ ދޭން ޖެހޭ ހިދުމަތެއް ދިނުމަށް ޕާމަނަންޓް ސެކްރެޓަރީ ނުވަތަ ޒިންމާދާރުވެރިޔާ ކަނޑައަޅުއްވައިފިނަމަ އެ ހިދުމަތެއް ދިނުމަށް އެ މުވައްޒަފަކު އޮފީހަށް ނުކުންނަންވާނެ ކަމަށްވެސް ސާކިއުލާގައިވެއެވެ.

ސާކިއުލާގައިވާ ގޮތުން މަސައްކަތަށް ނުކުންނަ ވަގުތަށް ސިވިލް ސާވިސްގެ ގަވައިދުގައިވާ ގޮތުގެ މަތިން ގަޑީލާރި ލިބޭނެއެވެ.

މީގެ އިތުރުން ސާކިއުލާގައި ބުނީ، މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ދުވަސްތަކަކީ ދިވެހިރާއްޖޭގެ ގައުމީ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި ނުހިމެނޭ ދުވަސްތަކެއް ކަމަށް ވުމުން މި މުއްދަތުގެ ތެރޭގައި ސިވިސް ސާވިސްގެ މުވައްޒަފުންނަށް ހައްގުވާ ޗުއްޓީތަކާމެދު އަމަލު ކުރެވޭނީ ދިވެހި ސިވިލް ސާވިސްގެ ގަވައިދުގެ ޗެޕްޓާ 18ގައިވާ ގޮތުގެ މަތީން ކަމަށެވެ. އެގޮތުން އެ މުއްދަތުގައި އެއްވެސް މުވައްޒަފަކަށް ގާނޫނީ ގޮތުން ހައްގުވާ ޗުއްޓީ އެއްވެސް ސަބަބަކާހުރެ ނުދެވި ވާނަމަ އެ ޗުއްޓީއެއް މުވައްޒަފު އެދުމުން އިދާރާގެ މަސައްކަތަށް ދަތިނުވާ ގޮތެއްގެ މަތިން ހަމަޖައްސަން ޖެހޭނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސަރުކާރުގެ އޮފީސްތަކާއި ވުޒާރާތަކުގެ މުވައްޒަފުން އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހޭނެ ވަގުތު އަދި ހަރަދު ވީހާވެސް ކުޑަވާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.