ޚަބަރު

ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިތެރިވުމުގެ ގޮތުން އިދާރާތަކުގެ އެންގުންތަކަށް އަމަލުކޮށްދެއްވާ!

އައިދާ އަބްދުލް ހަކީމް

ދައުލަތުގެ އިދާރާތަކުންދޭ އިރުޝާދުތަކަށް އަމަލުކުރުމަކީ އިޖުތިމާއީ ރައްކާތެރިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންގެ ހައްގުތައް ވެސް ރައްކާތެރިކުރުމަށް ދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިބަލީގައި އެންމެ ބޮޑު ދަތިކަމެއްގައި އުޅޭނެ ބަޔަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުޑަކުދިން ކަމަށް ވުމުން އެމީހުންގެ ރައްކާތެރިކަމަށްޓަކައި އެންމެން ގުޅިގެން މިބަލިން އަރައިގަތުމަށް ފަރުދީ، އާއިލީ އަދި ޖަމާއީ ފެންވަރުގައި މަސައްކަތްކޮށްދިނުމަށް އެދޭ ކަމަށެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދުނިޔޭގައި ކޮވިޑް 19 ފެތުރެން ފެށުމާއެކު އަމަލުކުރާނެ ގޮތުގެ އުސޫލެއް ތައްޔާރު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށި ކަމަށެވެ. އެގޮތުން އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ފޯނުން ގުޅައި އެމީހުން އުޅެމުން އަންނަ ތަންނަތަނާއި އަދި ހާލު ބަލާފައިވާ ނެތް ކަމަށެވެ.

އެގޮތުން ލޮކްޑައުންއަކަށް ގޮސްފިނަމަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހުންނާ ދޭތެރޭ އަމަލުކުރާނެ ގޮތަކާއި ވަސީލަތްތައް ގާއިމުކޮށްފައިވާ ކަމަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިން އަދި ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމިނިސްޓްރީ އޮތީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ސަރުކާރު އޮފީސްތަކާއި ސުކޫލުތައް ބަންދުކޮށްފައިވާ އިރު މުޅި ރާއްޖެއަށް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 30ގެ ނިޔަލަށް އިއުލާނުކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވާ 21 މީހުން ފެނިފައިވާ އިރު، އިދާރާތަކުން މެދުނުކެނޑި އަންގަމުން އަންނަނީ ކޮންމެހެން ދާން ޖެހިގެން ނޫންގޮތަކަށް ބޭރަށް ނުގޮސް ގޭގައި ތިބުމަށެވެ. ނަމަވެސް މި އެންގުމަށް ބައެއް މީހުން އަމަލުކުރަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން އިދާރާތަކުން އަންނަނީ ފާހަގަކުރަމުންނެވެ.