ރާއްޖޭގައި ބިދޭސީން ލައްވައި ގަވައިދާ ޚިލާފަށް މަސައްކަތް ކުރުވައިފި ނަމަ ޖިނާއީ ދައުވާކޮށް ބޮޑެތި ޖޫރިމަނާ ކުރެވޭ ގޮތަށް އިމިގްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ ބިލު މަޖިލީހުން ބޭރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވޯޓުގައި ބައިވެރިވި 68 މެމްބަރުންގެ ތެރެއިން 48 މެމްބަރުން އެ ބިލާ ދެކޮޅަށް ވޯޓުލައިގެންނެވެ. އެ ބިލު ބަލައިގަތުމަށް ވޯޓު ލާފައިވަނީ 20 މެމްބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި އެ ބިލުގައި ބުނާގޮތުން، ރާއްޖޭގައި އުޅޭ ބިދޭސީން ތެރެއިން، ގަވައިދާ ޚިލާފަށް އުޅޭ މީހުން ލައްވައި، ނުވަތަ ވަޒީފާ ދިން ފަރާތުގެ އިޒުނަ ނެތި ބިދޭސީން ލައްވައި މަސައްކަތް ކުރުވައިފި ނަމަ، އެ މަސައްކަތް ކުރުވި ފަރާތެއްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ އެވެ.
މޫސަ ވިދާޅުވީ އެ ބިލާއެކު ބިދޭސީން ލައްވައި އެފަދަ ކުށެއް ކުރުވައިފި މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ ފަސް ލައްކަ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ކަނޑައެޅިގެން ދާނެ ކަމަށެވެ.
މޫސަ ވިދާޅުވީ ބައެއް ކުންފުނިތަކުން ކޯޓާ ހައްދައިގެން އަމިއްލަ ކޯޓާގައި ބޮޑެތި އަދަދުތަކުން ޑިޕޮސިޓް ބަހައްޓައިގެން ބިދޭސީން ގެނެސްގެން މަސައްކަތް ކުރުވަމުން ދިޔަ ނަމަވެސް، އެހެން ބައެއް ކުންފުނިތަކުން ބޭނުން ވަނީ ފަސޭހަ ގޮތުގައި އެކަން ކޮށްލަން ކަމަށެވެ.
"އެފަދަ މީހުން ނޫނީ ކުންފުނިތަކުން މި ހަދާގޮތަކީ ރާއްޖޭގެ ކޮންމެވެސް ތަނެއްގައި އުޅޭ ބިދޭސީންނަށް މުސާރަ ކުޑަތަންކޮޅެއް ބޮޑުކޮށްލައިގެން ނަމަވެސް ފިލުވައިގެން އެމީހުންގެ މަސައްކަތަށް ގެންދަނީ. އަނެއް ބަޔަކު މި ހަދާ ގޮތަކީ މާލެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނަަގައިގެން ގުރޫޕުތައް ހަދައިގެން ވެސް މަސައްކަތް ކުރުވަނީ. މީގެން ވަރަށް ނުރައްކާތެރި އަދި ހިތާމަވެރި ކަންކަން ވެސް ދިމާވެފަ އެބަ ހުރި." މޫސަ ވިދާޅުވި އެވެ