އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އޮފީސްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައިވެސް، ދައުލަތުން ކުރާ ކޮންމެ ހޭދައެއް ކުރަމުން އަންނަނީ މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން ކަންކަން ކުރިއަށްގެންދާ ގޮތާބެހޭގޮތުން ބައެއް ކަންކަން އޮޅުން ފިލުއްވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އޮންލައިންކޮށް އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މި ހައްސާސް ދަނޑިވަޅުގައި ވެސް ދައުލަތުން ހަރަދު ކުރަނީ، މާލިއްޔަތު ގާނޫނުގެ އިތުރުން ކަމާބެހޭގޮތުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުއްލި ހާލަތްތަކުގައިވެސް ދައުލަތުން ހަރަދު ކުރާނެ ގޮތްތަކެއް މާލިއްޔަތު ގާނޫނާއި، ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ކޮވިޑް 19 ގެ ސަބަބުން އިގުތިސޯދީ ގޮތުން އެންމެ ގެއްލުމެއް ކުރިމަތިވާނެ ގައުމަކީ ދިވެހިރާއްޖެ ކަމަށް ވޯލްޑްބޭންކުން ވަނީ ބުނެފަ އެވެ.