ޝަހީދާ އަބްދުﷲ ސައީދު
ކުޑަކުއްޖަކާއެކު ބަދު އަޚްލާގީ އަމަލު ހިންގި މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަމަށް އެމަނިކުފާނުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ހޯރަ އިއްބެ މިނިވަން ކުރަން ނިންމާފައިވަނީ 2016 ވަނަ އަހަރު އޭނާ ގެއަށް ބަދަލު ކުރުމަށް ކްލެމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކުރައްވައި ކަމަށެވެ.
އެގޮތުން ހޫދު ވިދާޅުވީ ހޯރަ އިއްބެ ގޭ ބަންދުގައި ތިން ދުވަހު ބެހެއްޓުމަށްފަހު މިނިވަން ކުރަން ރައީސް ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ގޭބަންދަށް ބަދަލުކުރާނެ ވަކި ދުވަހެއް ހޫދު ވިދާޅެއް ނުވެއެވެ.
މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެފަދަ ކުށްތަކުގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީކަން ކުރެއްވި ހޯރަ އިއްބެ ހައްޔަރުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ގ. މާވަސް، ކިޔާ ގެއަކުން ކުށުގެ ވެށީންނެވެ. އަދި އޭނާގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް އިއްވީ 12 ޖެނުއަރީ 2013 ގައެވެ.
މިދިޔަ ނޮވެންބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ''ހޯރަ އޮންލައިން'' ވެބްސައިޓް އިފުތިތާހުކޮށްދެއްވައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ހޯރަ އިއްބެ ވަނީ ފްރޭމް ކުރެވިފައި ކަމަށެވެ.