ޚަބަރު

ލޮކްޑައުން ހާލަތުގައި ޑެލިވަރީ ކޮށްދޭން ބޭނުންވާ ވިޔަފާރިތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މަރިޔަމް ޝަހުދާ

ލޮކްޑައުން ހާލަތުގައި ޑެލިވަރީ ކޮށްދޭން ބޭނުންވާ ވިޔަފާރިތަކުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ފުރުސަތު ހުޅުވާލާފައިވާކަން މާލެ ސިޓީ ކައުންސިލުން އަންގާފައިވަނީ އެ ކައުންސިލުން ކުރި ޓުވީޓެއްގައެވެ.

އެގޮތުން ލޮކްޑައުންގެ ހާލަތުގައި ޑެލިވަރީ ކޮށްދިނުމަށް ބޭނުންވާ ފިހާރަތަކާއި ކެފޭތައް faseyhagulhun.malecity.gov.mv ސައިޓުގައި ރަޖިސްޓްރީ ވުމަށް ކައުންސިލުން އެދިފައިވެއެވެ.

މާލެ ސިޓީން މިއަދު ވަނީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނެތް މީހަކު ކޮވިޑް 19 އަށް ޕޮސިޓިވްވެފައެވެ. އެއާއެކު އެތައް ބަޔަކު މާލެއިން ފުރުމަށް މަސައްކަތް ކުރާއިރު، ލޮކްޑައުންގެ ހާލަތަކަށް ގޮސްފާނެ ކަމަށް އެތައް ބަޔަކު ވަނީ ފިހާރަތަކަށް ތަކެތި ގަތުމަށް ޖަމާވެފައެވެ.