ޚަބަރު

ކާށިދޫ ލޮކްޑައުން ކުރިކަން އަންގާފައެއް ނުވޭ: ކައުންސިލް ރައީސް

އައިދާ އަބްދުލް ހަކީމް

ކާށިދޫ އަށް އަރައިފޭބުން މަނާ ކުރިކަން ރަސްމީކޮށް އެރަށު ކައުންސިލަށް އަންގާފައި ނުވާކަމަށް އެރަށު ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން ކ. ކާށިދޫއަށް އަރައިފޭބުން މަނާކޮށްފައިވާ ކަމުގެ ލިޔުމެއް ދައުރުވުމުންދިއުމާއި ގުޅިގެން އެކަން ސާފުކުރުމަށް "ވަން" އިން ގުޅުމުން ސުލްތާން ވިދާޅުވީ ހެލްތު ޕްރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ) އަދި ކަމާއި ގުޅޭ އެއްވެސް ފަރާތަކުން އެ ކައުންސިލަށް އެފަދަ ލިޔުމެއް ފޮނުވާފައި ނުވާކަމަށެވެ.

ސުލްތާން އިތުރަށް ވަދާޅުވީ އެފަދަ ލިޔުމެއް މީސް މީޑިއާ ގައި ދައުރުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އަދި އެފަދަ ލިޔުމެއް ދެކިވަޑައިނުގަންނަވާ ކަމަށެވެ.

މިކަމާއި ގުޅިގެން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަން" އަށް ވިދާޅުވީ އެޗްޕީއޭ އިން އެފަދަ ލިޔުމެއް ނެރެފައިވާ ކަން އަދި ޔަގީން ނުވާ ކަމަށެވެ. އަދި ކޮވިޑް 19 އާ ގުޅިގެން ފިޔަވަޅެއް އަޅާނަމަ އެކަން އެޗްޕީއޭއިން ވަގުތުން ޓުވީޓު ކުރާނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ އެޗްޕީއޭއިން ނެރިފައިވާ ލިޔުމުގައި ބުނެފައިވަނީ ކޮވިޑް 19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން އެރަށަށް އަރައި ފޭބުން މަނާ ކޮށްފައިވާ ކަމަށެވެ.