ޚަބަރު

ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސް ކުރަން: ޝިފާ

އައިދާ އަބްދުލް ހަކީމް

ޒަރޫރީ ބޭނުންތަކަށް ނޫނީ މަގުތަކަށް ނުނިކުތުމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު އިލްތިމާސް ކުރައްވައިފިއެވެ.

ކޮވިޑް 19 އަށް މާލެތެރެއިން މިއަދު މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިހާރަތަކާއި މާކެޓްތަކުގައި ތޮއްޖެހި އުޅެވޭނެ ހާލަތެއް މިހާރަކު ނެތް ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަން އޮތީ ކާކަށްކަން ވެސް ނޭނގޭ ކަމަށެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް ގޭގައި މަޑުކޮށްދިނުމަށް ޝިފާ ވަނީ އެދިވަޑައިގެންފައެވެ.

"ޒަރޫރީ ބޭނުންތަކަށް ނޫނީ ނުނިކުތުމަށް އިލްތިމާސް ކުރަން. އިޖުތިމާއީ ގައިދުރުކަން އަދިވެސް ދަސްނުވޭ. ފިހާރަތަކާއި މާކެޓުތަކުގައި ތޮއްޖެހިގެން އުޅެވޭކަށް ނެތް. ސަލާމަތްތެރިކަން އޮތީ ކާކަށް ކަމެއް ނޭނގެ. ނަސޭހަތްތެރިވެދެއްވާ." ޝިފާ ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް 19 ޕޮޒިޓިވެފައިވާ ހަ ދިވެހިން ވަނީ ފެނިފައެވެ. އަދި ރާއްޖެއިން އެ ވައިރަސްއަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިހާރު ވަނީ 21 އަރައިފައެވެ.

ކޮރޯނާވައިރަސް އަށް މީގެ ކުރިން ޕޮޒިޓިވް ވި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިނގިރޭސި ވިލާތުން އައި މީހުންނެވެ. ފަސްވަނަ މީހާ އައީ ފިލިޕިންސުންނެވެ. ނަމަވެސް މިއަދު މާލެއިން ޕޮޒިޓިވް ވި މީހާ އެއްވެސް ތަނަކަށް ދަތުރެއް ކުރި ކަން އަދި އެނގިފައެއް ނުވެއެވެ.