ރާއްޖެއިން ކޮވިޑް 19 ޖެހިގެން މަރުވާ މީހުން އަންދައި ނުލާނެ ކަމަށާއި އެމީހުން ވަޅުލާނީ ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
އަވަށްޓެރި ބައެއް ގައުމުތަކުގައި މުސްލިމުން ހިމެނޭހެން ކޮވިޑް19 ޖެހިގެން މަރުވާމީހުން އަންދާލަމުން ދިއުމާއި އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ވެސް އެކަމަށް ތާއީދު ކޮށްފައިވާތީ، "ވަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ ކޮވިޑް 19 ޖެހިގެން މަރުވާ މީހުންނާއި ދޭތެރޭ އަމަލު ކުރާނެ ގޮތުގެ ގައިޑްލައިނެއް ސަރުކާރުން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
"ރާއްޖޭގައި އޮވޭ އެކަމަށް ގައިޑްލައިނެއް ހަދާފަ. އަޅުގަނޑުމެން ނިންމާފައި އޮތީ އަންދާ ގޮތަކަށް ނޫން" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުން އުފުލާނެ ގޮތާއި، މިސްކިތްތަކުގައި މަރުވާ މީހުން ހިނަވާނެ ގޮތް އަދި އެފަދަ ހާލަތުގައި ކަންކަން ކުރަންވީ ގޮތް މިހާރު ދަސްކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް 19 ޖެހިގެން މީހުން ބައިތިއްބާ ފެސިލިޓީ ތަކުގައިވެސް މީހަކު ހިނަވަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނެ ގޮތް ހަދާފައިވާނެ ކަމަށެވެ.
އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެފައިވަނީ މަރުވެފައިވާ މީހަކު އަންދާލުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން ކަމަށާއި ބަލިމަޑުކަމެއްގައި މަރުވާ މީހުން ވެސް ޖެހޭނީ ވަޅުލަން ކަމަށެވެ.