މުހައްމަދު މަބްރޫކް އަޒީޒް

ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ހާއްސަ އެލަވަންސް ޕޮލިސީ އެކުލަވައިލުމުގެ މަސައްކަތް ފަށައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަަކަށް ހާއްސަ އެލަވަންސް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑް 19 އާ ބެހޭ އެން،މެ ފަހުގެ މައުލޫމާތުި ދިނުމަށް، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ރޭ ބޭއްވި ނިއުސްކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ސަރުކާރު ބަންދު ނަމަވެސް ގިނަ މުވައްޒަފުން އެ މުވައްޒަފުންނާ ހަވާލުކުރާ މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން އަންނަ ކަމަށެވެ. އަދި އެކި ޕްރޮފެޝަންތަކުގައި މަސައްކަތްކުރާ މީހުންނާއި، ހާއްސަ ހިދުމަތްދޭ މީހުން އޮފީސްތަކަށް ނިކުމެގެން މިހާރުވެސް މަސައްްކަތް ކުރަމުން އަންނަ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އެގޮތަށް ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކެއްގައިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ވަރަށް ބުރަކޮށް، އެހާމެ މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ބައެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ އެފަރާތްތަކަށް އިތުރު ގަޑީގެ ފައިސާ ބަރާބަރަށް ލިބޭނެ ކަމަށެވެ.

ނަމަވެސް އެއާ އެކު، ސިއްހީ ދާއިރާގެ މީހުންގެ ހާއްސަ އެލަވަންސް ޕޮލިސީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަން ނިމުމުން ތަފްސީލުތައް ހާމަކުރައްވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރަނގަޅު އެހީއެއް ވެދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ މަހުގެ 25 ގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވެފައިވަނީ، ކޮވިޑް 19 ފެތުރުން ހުއްޓުވަން އިސް ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނަށް ސަރުކާރުން ހާއްސަ ގޮތްތަކެއް ރާވަމުން އަންނަ ކަމަށާއި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި ދަނޑިވަޅުގައި އިސް ސަފަށް ނުކުމެ، ފުރާނަ އަތްމައްޗަށް ލައިގެން ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށެވެ.