ޚަބަރު

ކޮވިޑް 19 : 96،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހި 10،000 ވުރެ ގިނަ މީހުން މަރުވެދާނެ

އަލީ ޔާމިން

ކޮވިޑް 19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ ރާއްޖެއިން 96،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފިއެވެ.

ކޮވިޑް 19 މުޖުތަމައުގެ ތެރޭގައި ފެތުރެން ފަށައިފިނަމަ ފެތުރޭނެ މިންވަރުގެ މައްޗަށް ބަލައި ތައްޔާރު ކޮށްފައިވާ ދިރާސާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) މެޑިކަލް އޮފިސަލް ޑރ. ނަލްޒާ ރަފީގު ވިދާޅުވީ، ކޮވިޑް 19 އިން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅައިފިނަމަ މި ބަލި 96،000 އަށްވުރެ ގިނަ މީހުންނަށް ޖެހޭނެ ކަމަށާއި އެގޮތުން މާލެ ސަރައްދުން އެކަނި ވެސް 46،000 އަށްވުރެ ގިނަ މީހުންނަށް އަދި އަތޮޅުތަކުން 51،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުން އެކަށީގެންވާ ކަމަށެވެ

ޑރ. ނަލްޒާ ވިދާޅުވީ، މުޖުތަމައުގެ ތެރެއިން ބަލި ފެންނަތާ 47 ދުވަސް ތެރޭގައި ބަލި "ޕީކް"އަށް ދާނެ ކަމަށާއި، އޭރުން ދުވާލެއްގެ މައްޗަށް 7،500 މީހުންނަށް ބަލި ޖެހުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް 19އާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކޮމިޔުނިޓީ ސްޕްރެޑެއް އަޔަސް ބަލި ޖެހޭ މީހުންގެ އަދަދު މަދު ކުރެވިދާނެ ކަމަށެވެ. އެގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ބަލި ޖެހޭ މީހުންގެ އަދަދު 2،000 އަށް މަދުކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ލަފާކޮށްފައިވަނީ ކޮވިޑް 19އަށް ތައްޔާރުނުވެ އޮއްވައި މުޖުތަމައުގެ ތެރެއިން އެބަލި ފެތުރިއްޖެނަމަ 10،000 އަށްވުރެ ގިނަ މީހުން އެބަލީގައި މަރުވާނެ ކަމަށެވެ.