ޚަބަރު

ކޭއެސްޖޭ އޯވަސީސްގެ މުވައްޒަފުންނަށް މުސާރަ ދޭން ނެގި 1.9 މިލިއަން ރުފިޔާ ވަގަށް ނަގައިފި

އަލީ ޔާމިން

ކޭއެސްޖޭ އޯވަސީސްގެ މުވައްޒަފުންނަށް މުސާރަ ދޭން ނެގި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ ކޭއެސްޖޭ އޯވަސީސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ އާއި ބައެއް އެހެން ތަކެތި ވަގަށް ނަގާފައިވާ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ.

ރިސޯޓެއްގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުނީގެ ފަރާތުން ފައިސާ ބަލައި މާލެ އައިސް ހުރި މީހާ ފައިސާއާ ހަވާލުވެ އެ ހިފައިގެން އެނބުރި ރިސޯޓަށް ފުރަންދެން ހުރީ ގެސްޓް ހައުސްއެއްގައި ކަމަށާއި ފައިސާ އާއި ރިސޯޓަށް ގެންދަން ހުރި ބައެއް ތަކެތި ވަގަށް ނެގީ އެ ގެސްޓް ހައުސްގައި އޭނާ ހުއްޓައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރޭގައި 1.9 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި، 25،000 ރުފިޔާގެ އަގުހުރި ޑާޓާ ކާޑާއި، ރައުޓާއަކާއި، 11،000 ރުފިޔާގެ އަގުހުރި ފަސް މޯބައިލް ފޯނާއި، 29،000 ރުފިޔާގެ އަގުހުރި ރިޗާޖް ކާޑް ހިމެނޭ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ތަކެތި މިމަހުގެ 12 ވަނަ ދުވަހު ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި އެހެނިހެން ބައެއް ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު އުމުރުން 27 އަހަރުގެ ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.