ޚަބަރު

ރާއްޖޭގައި ބަލި ފެތުރި އެންމެ ނުރައްކާތެރި ހާލަތުގައި ކޮންމެ ދުވަހަކު 7،500 މީހުންނަށް ބަލި ޖެހޭނެ

އަލީ ޔާމިން

ރާއްޖޭގައި ކޮވިޑް 19 ފެތުރި އެންމެ ނުރައްކާތެރި ހާލަތުގައި ކޮންމެ ދުވަހަކު 7،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލަފާކޮށްފިއެވެ.

ރާއްޖޭގައި ކޮވިޑް 19 ފެތުރިއްޖެ ނަމަ ހާލަތަށް އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ކުރި ދިރާސާއާ ބެހޭގޮތުން ވާހަކަދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖޭގައި ބަލި ފެތުރިއްޖެ ނަމަ އެންމެ ނުރައްކާތެރި ހާލަތަކަށް ދާން ނަގާނީ 47 ދުވަސް ކަމަށާއި އެފަދަ ހާލަތަކަށް ގޮސްފިނަމަ ކޮންމެ ދުވަހަކު 1،300 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ނުރައްކާ ހާލަތުގައި ކޮންމެ ދުވަހަކު 7،500 މީހުންނަށް ބަލި ޖެހޭނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނާޅައިފިއްޔާ އެންމެ ޕީކް ދުވަހު 7،500 މީހުންނަށް ބަލި ޖެހޭނެ،" ޑރ. ނަލްޒާ ވިދާޅުވިއެވެ.

މީގެ އިތުރުން އެއްވެސް ފިޔަވަޅެއް ނާޅައި އޮއްވައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ މާލެއިން އެކަނިވެސް 46،627 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އަތޮޅުތަކުން 51،874 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ޑރ. ނަލްޒާ ވިދާޅިިއެވެ،

މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ 10،000 އަށްވުރެ ގިނަ މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ މަރުވާ މީހުންގެ އަދަދު ހަތަރަކަށް މަދުކުރެވި ބަލި ޖެހޭ މީހުންގެ އަދަދު 2،000 އަށް މަދުކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.