ޚަބަރު

ސިއްހީ ހިދުމަތްތެރިން ބޭނުންކުރާ 71،000 ޕީޕީއީ ކިޓްސް ރާއްޖޭގައި އެބަހުރި: މަބްރޫކު

ސިއްހީ ހިދުމަތްތެރިން ބޭނުންކުރާ 71،000 ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) ކިޓްސް ރާއްޖޭގައި އެބަހުރި ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ ވެންޓިލޭޓަރަށް ވުރެ ޕީޕީއީ އިކުއިޕްމަންޓް މުހިންމު ކަމަށާއި މިވަގުތަށް ބޭނުންވާ ވަރަށް ޕީޕީއީ ކިޓްސް އެބަހުރި ކަމަށެވެ.

"މިވަގުތަށް ބޭނުންވާ ވަރަށް ޕީޕީއީ އެބަހުރި. އެކަމަކު ޕީޕީއީ އަކީ ދެވަނައަށް އެންމެ ފޯކަސްކުރާ އެއް ކަންތައް. ރާއްޖެއަށް ވެންޓިލޭޓަރަށް ވުރެ ވެސް އެއްގޮތަކުން ބަލާއިރުގައި މާ މުހިންމު ޕީޕީއީ އިކުއުޕްމަންޓް ހުންނަން. އަޅުގަނޑުމެންގެ އަތުގައި މިއަދާ ހަމައަށް ޕީޕީއީ ކިޓްސްގެ ގޮތުގައި 71،000 ކިޓް އެބަހުރި،" އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އަލީ ބާބާގެ ފައުންޑަރު ޖެކް މާ ހަދިޔާކުރެއްވި ސަލާމާތީ އާލާތްތައް ރާއްޖެއާ ހަމައަށް އަދި އައިސްފައިނުވާ ކަމަށާއި އެ އެއްޗެހި ގެނައުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ.