ޚަބަރު

ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފިނަމަ، މާލެ ސަރަހައްދުގެ 46،627 މީހުންނަށް ބަލި ޖެހޭނެކަމަށް ލަފާކޮށްފި

ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފިނަމަ، މާލެ ސަރަހައްދުގެ 46،600 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެކަމަށް ލަފާކޮށްފިއެވެ.

ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެޑިކަލް އޮފިސަރު ޑރ. ނަލްލާ ރަފީގު ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ ބަލި ޖެހޭނެ ނިސްބަތާއި ގުޅޭ ލަފާކުރުންތަކެއް މިހާރު ހެދިފައިވާ ކަމަށާއި އެގޮތުން މާލެއިން އެކަނިވެސް 46،627 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް އަތުވެއްޖެ ނަމަ މާލޭ ސަރަހައްދުން އެކަނިވެސް 46،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ،" ޑރ. ނަލްޒާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ހާލަތެއްގައި އަތޮޅުތަކުން 51،874 މީހުންނަށް ބަލި ޖެހޭނެ ކަމަށް ބެލެވޭ ކަމަށާއި ޖުމްލަ 98،501 މީހުންނަށް ކޮވިޑް 19 ޖެހެނޭކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިއްޖެނަމަ 10،000 އަށްވުރެ ގިނަ މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިނަމަ މަރުވާ މީހުންގެ އަދަދު ހަތަރަކަށް މަދުކުރެވި ބަލި ޖެހޭ މީހުންގެ އަދަދު 2،000 އަށް މަދުކުރެވޭނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އެއްވެސް ފިޔަވަޅެއް ނޭޅިއްޖެނަމަ އެންމެ ޕީކް ދުވަހުގައި 1300 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭނެ ކަމަށާއި ނަމަވެސް ހަރުކަށި ފިޔަވަޅު އަޅައިފިނަމަ ބަލި ފެތުރިއްޖެ ޙާލަތެއްގައިވެސް އެންމެ ގިނައިން ފަރުވާދޭން ޖެހޭނީ 300 އެއްހާ މީހުންނަށް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އައިސީޔޫގައި ފަރުވާދޭން ޖެހޭ މީހުންވެސް މި ދެ ހާލަތުގައި 400 އިން 100 އަށް މަދު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ހާލަތަކަށް ރާއްޖެ ނުގޮސް މިހާރު މިއޮތީ ކޮވިޑް 19އާ ދެކޮޅަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.