ޚަބަރު

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިިވްވި އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްޖެ

އަލީ ޔާމިން

ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ކޮވިޑް 19އަށް ޕޮޒިޓިވް ވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުންދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

އެ ދެމީހުންގެ ޓެސްޓުގެ ޑަބަލް ނެގެޓިވްވުމުން އެމީހުންނަކީ ބަލިން ރަނގަޅުވެފައިވާ މީހުން ކަމުގައި ނިންމާފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ޖުމްލަ ފަސް ދިވެއްސަކު މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާއިރު، ތިން ދިވެއްސަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާދެމުން އަންނަނީ ދެ ދިވެއްސަކަށެވެ.

ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން އެނބުރި އައި ހަތަރު ދިވެއްސަކާއި ފިލިޕީންސް އިން އައި ދިވެއްސެކެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުއެވެ. މިހާތަނަށް ޖުމްލަ 20 މީހަކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު، ދެ މީހަކު ވަނީ ރާއްޖެއިން ބޭރަށް ގޮސްފައެވެ. އަދި މިހާތަނަށް ޖުމްލަ 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.