މިއަދު ފާހަގަކުރަމުން އަންނަ ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން "ވާދަ ބައިތު ހުށަހެޅުން"ގެ ނަމުގައި ޅެން ބައިތުގެ ޗެލެންޖެއް ދިވެހި ބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ފައްޓަވައިދެއްވި އެ ޗެލެންޖުގައި ކޮންމެ މީހަކުވެސް ތިން ބައިތު ކިޔާ އެކަކު އަނެކަކަށް ޗެލެންޖު ކުރެވޭނެއެވެ. އަދި އެ ޗެލެންޖުގެ ދައުވަތު ގިނަ އަދަދެއްގެ ދިވެހީން ގަބޫލުކޮށް ހިތްގައިމު ޅެންތައް ވަނީ ހުށަހަޅައިދީފައެވެ.
ފޭސްބުކާއި ޓުވިޓާއިން އަޝްރަފް ހުޅުވާލި އެ ޗެލެންޖުގައި އަޝްރަފްވެސް ވަނީ ތިން ޅެން ބައިތެއް ވިދާޅުވެ، އެހެން މީހުންވެސް އެގޮތަށް ތިން ބައިތު ވިދާޅުވެ އެހެން މީހުންނަށް ޗެލެންޖުކޮށް ޓެގްކުރުމަށް އެދިވަޑައިގެންފައެވެ.
މިއަހަރު ދިވެހި ބަހުގެ ދުވަހުގެ ޝިއާރަކީ "ފޮތް ކިޔުމާއި މުއާމަލާތު ކުރުން: އިސްކަން ދިވެހި ބަހަށް" މިއެވެ.
ކޮވިޑް 19އިން ރައްކާތެރިވުމަށް ގިނަ ބަޔަކު ގެތަކުގައި ތިބުމަށް ސިއްހީ މާހިރުން ލަފާ އަރުވަމުން އަންނައިރު ގޭގައި ތިބެގެން ފޫހިފިލުވުމުގެ ގޮތުން އެތަކެއް ޗެލެންޖެއް ދަނީ މީސްމީޑިއާއަށް ތިލަވަމުންނެވެ. އެގޮތުން ޓޮއިލެޓް ޕޭޕާ ޗެލެންޖާއި، އެގް ޗެލެންޖުގެ އިތުރުން ޑރ. މުހައްމަދު ޝަހީމް ފަށްޓަވައިދެއްވި ގުރުއާން ޗެލެންޖު ފާހަގަކޮށްލެވެއެވެ.