ކުރިއަށް އޮތް ރަމަޞާން މަހާ ދިމާކޮށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކާޑުގެ ބާވަތްތަކާއި ފިޔާ އަދި ބިހުގެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފިއެވެ.
"އެމްވީ ބޮންތި" ނަމަކަށް ކިޔާ ކާގޯ ބޯޓުގައި އެސްޓީއޯއިން ގެނެސްފައިވަނީ 5،000 ބަސްތާ ފިޔާ، 2،000 ކޭސް ބިސް، 990 މެޓްރިކް ޓަނުގެ ހަނޑޫ އަދި 830 މެޓްރިކް ޓަނުގެ ހަކުރެވެ.
އެސްޓީއޯގެ ތަރުޖަމާން އަބްދުﷲ މުހައްމަދު "ވަން"އަށް ވިދާޅުވީ، އެތަކެތި ގެނެސްފައިވަނީ އިންޑިއާއިން ކަމަށާއި އެތަކެއްޗަކީ ރޯދަ މަހާއި ދިމާކޮށް ގެނެސްފައިވާ ތަކެތި ކަމަށެވެ.
"މިއީ ރޯދަމަހާ ދިމާކޮށް ގެނެސްފައިވާ ތަކެތި. އިރާދަކުރެއްވިއްޔާ ހުސްނުވާވަރަށް ތަކެތި ލިބޭނެ. އަޅުގަނޑުމެން މިބަލަނީ ތަކެތި ވީހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ. މިފަހަރު އަޅުގަނޑުމެންނާ މިބައްދަލުކުރާ ރޯދަ މަސްވާނެ އެންމެ އަގުހެޔޮކޮށް އެސްޓީއޯގެ ތަކެތި ލިބޭނެ ރޯދަ މަހަށް،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިމަހުގެ 23 ވަނަ ދުވަހު ވެސް އެސްޓީއޯގެ ޕެރިޝަބަލް ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށެވެ.
އެސްޓީއޯ ބުނާ ގޮތުގައި އެކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ކާޑުގެ ބާވަތްތައް ކުރިއަށް އޮތް 10 މަސް ދުވަހަށް ހުސްނުވެ ލިބޭނެ ވަރަށް ރާއްޖެ ގެނެސް ރައްކާކުރުމަށެވެ. އެގޮތުން މިހާރު ވެސް ކުރިއަށް އޮތް ތިން މަސް ދުވަހަށްވާ ވަރަށް އެސްޓީއޯއިން ވަނީ ކާޑުގެ ބާވަތްތައް ގެނެސް ރައްކާކޮށްފައެވެ.