ޚަބަރު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ކުރި މައިބަދައިގެ ފުރަތަމަ އޮޕަރޭޝަންތައް ކާމިޔާބު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް)ގައި މިއަދު ކުރި މައިބަދައިގެ ފުރަތަމަ ދެ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ މާލެ ސަރަހައްދުން ބޭރުގައި ކުރި އަދި އޭއީއެޗްގައި ކުރި ފުރަތަމަ މައިބަދައިގެ އޮޕަރޭޝަނެވެ. މި އޮޕަރޭޝަންތައް ކުރުމަށް އައިޖީއެމްއެޗްގެ ކަށީގެ ހާއްސަ ޑޮކްޓަރު ޑރ. ޔޫސުފް ޝާން ހިމެނޭ ގޮތަށް އައިޖީއެމްއެޗުގެ ޑޮކްޓާރުންނާއި ނަރުހުންގެ މެޑިކަލް ޓީމެއް އިއްޔެ ވަނީ އައްޑޫއަށް ގޮސްފައެވެ.

އޭއީއެޗުން ބުނީ، އެ ހޮސްޕިޓަލުގައި މިއަދު މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފައިވަނީ 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނެއްގެ ކަމަށެވެ. އަދި އޮޕަރޭޝަން ކުރި ޓީމަށް އެ ހޮސްޕިޓަލުން ވަނީ މަރުހަބާ ކިޔައިފައެވެ.

އޭއީއެޗުގައި މައިބަދައިގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ކުރިއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެ ހޮސްޕިޓަލުގައި ވަނީ އުކުޅުވަޅު ހުޅު ބިންދައިގެން ގޮސްފައިވާ 82 އަހަރުގެ މީހެއްގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ކޮށްފައެވެ.

މިއީ މިމަހުގެ ދެވަނަ ދުވަހު ހިދުމަތްދޭން ފެށިފަހުން އެ ހޮސްޕިޓަލުގައި އެފަދަ ބޮޑު އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.