ޚަބަރު

ހުޅުމާލޭގެ ފަޅުތެރެ ސާފުކޮށް 20 ޖަންބޯ ކޮތަޅުގެ ކުނި ނަގައިފި

އައިދާ އަބްދުލް ހަކީމް

ހުޅުމާލޭގެ ފަޅުތެރޭން އެއްދުވަސްތެރޭ 20 ޖަމްބޯ ކޮތަޅުގެ ކުނި ނަގައިފިއެވެ.

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފަޅުތެރެ ސާފުކޮށްފައި މިވަނީ، ފަޅުތެރެއަށް ގިނަ އަދަދެއްގެ ކުނި ޖަމާވެ، އެކަމާ ގުޅިގެން އެ ކޯޕަރޭޝަނަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެޗްޑީސީން ބުނީ ފަޅުތެރެއަށް ޖަމާވާ ކުނި އެކުންފުނިން ގަވާއިދުން ސާފު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިދުވަސްވަރު ފަޅުތެރެއަށް ކުނި ގިނަވެ ޖަމާވަމުންދަނީ މޫސުމުގެ ސަބަބުން ކަމަށް ބުންޏެވެ.

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، ގަވާއިދުން ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ހުރިހާ އެންމެންގެ ވެސް އެއްބާރުލުން ލިބިގެންނެވެ.

އެގޮތުން މޫދާއި ކަނޑަށް ކުނިއުކުން ހުއްޓާލައި އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަންޖެހޭ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ތިމާ އުޅޭ މާހައުލު ސާފުތާހިރުކޮށް ބޭއްވުމަކީ ތިމާގެ ވެސް ފަރުދީ ޒިންމާއަކަށް ހެދުމަށް އެ ކޯޕަރޭޝަނުން އިލްތިމާސް ކުރެއެވެ.