ޚަބަރު

ބެންގަލޫރާއި ކޮޗިންގައި ތިބި 159 ދިވެއްސަކު ރާއްޖެ ގެނެސްދީފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ނާދެވި ތިބި 159 ދިވެއްސަކު މިއަދު ރާއްޖެ ގެނެސްދީފިއެވެ.

މިއަދު އެމީހުން އަނބުރާ ރާއްޖެ ގެނެސްފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުލައިޓެއްގައެވެ. މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހުން ގެނެސްފައިވަނީ މިއަދު 13:00 ގައި ކަމަށެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި ބައެއް ދިވެހީން މިއަދު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެ އެންމެންނަކީވެސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިން ކަމަށެވެ.

ރާއްޖޭން ބޭރުގައި ތިބި ދިވެހީންގެ ތެރެއިން 8،000 އަށް ވުރެ ގިނަ ދިވެހީން އެނބުރި ގައުމަށް އަންނަން ރެޖިސްޓާކޮށްފައިވާއިރު ރެޖިސްޓާ ނުކޮށް ވެސް ގިނަ އަދަދެއްގެ ދިވެހިން އެބަތިއްބެވެ.

މަބްރޫކް ރޭ ވިދާޅުވީ، އެންމެ އުފާވެރި ގޮތަކީ އަންނަން ބޭނުން އެންމެން އެއްފަހަރާ ރާއްޖެ ގެނައުން ކަމަށާއި، ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން އަންނަން ޖެހޭ މީހުން ނޫން އެހެން މީހުން ނައިސް މަޑުކުރުމަކީ ބުއްދިވެރިކަމެއް ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ވަނީ އިންޑިއާގައި ތިބި 388 ދިވެއްސަކު މޯލްޑިވިއަންގެ ފުލައިޓުތަކުގައި ރާއްޖެ ގެނެސްފައެވެ. އަދި ލަންކާއިން 100 ދިވެއްސަކު، މެލޭޝިއާއިން 197 ދިވެއްސަކު ވަނީ ރާއްޖެ ގެނެސްފައެވެ.