މިދިޔަ މަހު ފަހުކޮޅު ބިޒް މޯބައިލް ފިހާރައިން ވައްކަން ކުރި މައްސަލައިގައި ދެމީހުން ހައްޔަރުކޮށް، އެ ފިހާރައިން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ހޯދައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ބިޒް މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލައިގައި ފުލުހުން ބެލި ބެލުމުން އެ ފިހާރައިން 75،000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ތަކެތި ނަގާފައިވާކަން ވަނީ އެނގިފައެވެ. އަދި އެތަކެތި ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް 62،000 ރުފިޔާއަށް ވުރެ ގިނަ ފައިސާގެ ތަކެތި ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައިގައި ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއީ 36 އަހަރުގެ އަންހެނަކާއި 39 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ ތެރެއިން އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މާޗް 30ގައި ކަމަށާއި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ 31 މާޗުގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ ފިހާރައިން ވައްކަން ކުރި ކަމަށް މި ދެމީހުންވެސް އެއްބަސް ވެފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރު ކުރި ފިރިހެން މީހާއަކީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ފަރުވާ ފުރިހަމަ ކުރުމަށް މުޖުތަމައަށް ދޫކޮށްލާފައިވާ މީހެއް ކަމަށެވެ. ނަމަވެސް އެ މީހާއަށް ދިން ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފި ކަމަށް ބަލައި، މާޗް 31ގައި އޭނާ ކަރެކްޝަނަލް ސާވިސްއާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.