މުހައްމަދު އައުޒަމް
ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި 300 މިލިޔަން ޔެން (ގާތްގަނޑަކަށް 40 މިލިއަން ދިވެހި ރުފިޔާ) ދީފިއެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިއެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ކަޒުމީ އެންޑޯއެވެ. މިރަސްމިއްޔާތުގައި ޖަޕާންގެ ބޮޑުވަޒީރުގެ އެޑްވައިޒަރު ކެންޓާރޯ ސޮނޮއުރާގެ އިތުރުން ޖަޕާން ސަރުކާރުގެ ހާއްސަ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއެހީގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޖަޕާން ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ފާހަގަކޮށް ޖަޕާން ސަރުކާރުން ދެއްވި އެހީ އަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރުގެ އެޑްވައިޒަރު ކެންޓާރޯ ސޮނޮއުރާ ވިދާޅުވީ ރާއްޖެ އޮންނަ ސަރަހައްދަކީ ކަނޑު މަގުން ދަތުރުކުރާ ބޯޓުފަހަރު ގިނައަދަދަކަށް ދަތުރުކުރާ ސަރަހައްދަކަށް ވުމާއެކު ދިމާވެދާނެ ކަނޑުމަތީ ހާދިސާއެއްގައި ކަނޑަށް ތެޔޮއެޅި ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ދެވޭ މި އެހީގެ ސަބަބުން އެމަސައްކަތަށް ފުރިހަމަކަމެއްލިބިގެން ދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަނޑުމަތީގެ ރައްކާތެރިކަމާއި ތިމާވެއްޓަށްވެސް އެކި ރޮނގުރޮނގުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.