ޚަބަރު

ލޭ ހަދިޔާ ކުރުމަކީ ދާއިމީ ގޮތެއްގައި ކުރަން ރަނގަޅު ކަމެއް: މިނިސްޓަރު މަހްލޫފް

އައިދާ އަބްދުލް ހަކީމް

ދާއިމީ ގޮތެއްގައި ލޭހަދިޔާ ކުރުމަކީ ރަނގަޅު ކަމެއްކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސަޓަރު މަހުލޫފް މިހެން ވިދާޅުވީ އޭނާ ލޭ ހަދިޔާކުރައްވަން އޮންނަވަނިކޮށް ނަންގަވާފައިވާ ފޮޓޯއެއް ހިމަނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.

ކޮވިޑް 19އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުން މަދުވެފައިވާތީ، އާންމު ރައްޔިތުން ލޭ ހަދިޔާ ކޮށްދިނުމަށް މޯލްޑިވިއަން ބްލަޑް ސާވިސް(އެމްބީއެސް) އާއި ތެލެސީމިއާ ސެންޓަރުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ލޭހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 08:00 އިން މެންދުރުފަހު 15:00 އަށް އެއިންތިޒާމު ހަމަޖެހިފައިވާ ކަމަށް ތެލެސީމިއާ ސެންޓަރުން ވަނީ ބުނެފައެވެ.

ބްލަޑް ސާވިސްގައި މިވަގުތު ތެލެސީމިއާގެ 635 މީހުން ރަޖިސްޓްރީ ކޮށްފައި ވެއެވެ.