ކޮވީޑް19އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ކައިވެނިތައް އޮންލައިންކޮށް ކޮށްދޭން ފަށައިފި އެވެ.
މިގޮތަށް ނިންމީ އެގައުމުގެ ޖަސްޓިސް މިނިސްޓްރީން އާދިއްތަ ދުވަހުއެވެ. އެ ނިންމުމުގައި ވަނީ ކައިވެނި ކުރަން ބޭނުންވާ މީހުން ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށެވެ.
އެލިޔުންތައް ބަލައި ސާފުކޮށް، ފާސްވުމުން ފަނޑިޔާރެއް މެދުވެރިކޮށް ވީޑިއޯ ލިންކަކުން ކައިވެނި ކޮށްދެވޭނެއެވެ. ކޯޓަށް ކައިވެނި ސެޓްފިކެޓް ހެދުމަށް ހުށަހެޅިގެންދާނެއެވެ. ކޯޓުން އިތުރަށް ސާފުކުރުމަށްފަހު ކައިވެނީގެ ސެޓްފިކެޓް ފޯނަށް މެސެޖަކުން ފޮނުވާނެއެވެ. ޔޫއޭއީގައި މިގޮތަށް ކައިވެނިކޮށްދިނުމަށް ނިންމީ އާންމުރައްޔިތުން އެއްވުން ހުއްޓުވުމަށެވެ.
އެގައުމުގައި 4500 އަށްވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު 25 މީހަކު ވަނީ މަރުވެފައެވެ. 852 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
ޔޫއޭއީގެ ހަތް ސްޓޭޓުގެ ތެރެއިން ދުބާއީގައި މިދިޔަ ބުދަ ދުވަހު ވަނީ ކައިވެނި ތަކާއި ވަރިކުރުން ވަކިގޮތެއް އަންގަންދެން ނުކުރެވޭނެކަމަށް ނިންމާފައެވެ.