އަބްދުﷲ ޚަލީލް

މަޖިލީހަށް މެންބަރުން އިތުރުވަމުންދަނީ ދައުލަތަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރަށް: ޑރ. ޚަލީލު

ޝަހީދާ އަބްދުﷲ ސައީދު

ދައުލަތަށް ލިބޭ އާމްދަނީއާ ނުބައްދަލުވާ މިންވަރަށް ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިތުރުވަމުން ދާކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅުއްވައިދެއްވައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއް ދައުރުން އަނެއް ދައުރަށް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ޑރ. ޚަލީލު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު 85 އަށް އަރާފައިވާއިރު، ކުރިއަށް އޮތް ދައުރުގައި އެއަދަދު 87 އަށް ބަދަލުކުރުމަކީ ދައުލަތުގެ ބަޖެޓަށް ވެސް ބުރަ ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެއް ދައުރުން އަނެއް ދައުރަށް މެންބަރުން އިތުރުވަމުންދަނީ ދައުލަތަށް ލިބޭ އާމްދަނިއާ ނުބައްދަލު މިންވަރަށް ކަމަށް ވިދާޅުވިއެވެ.

ޑރ. ޚަލީލު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު މިހާރު ހުރި މިންވަރަށް ވުރެ އިތުރު ނުވާނެ ގޮތަކަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ވެސް ރާއްޖޭގައި މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަކަން ފާހަގަކުރައްވައި ހަލީލު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ކޮންމެ 4000 މީހަކަށް މެންބަރަކު އެބަހުރި ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި ބައެއް މެންބަރުން ވަނީ މަޖިލީހަށް މެންބަރުން އިތުރު ނުކުރުމަށް ހުށަހެޅުއްވި ބިލަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވައިފައެވެ.

ކުރިން އަމަލުކުރަމުން ދިޔަ ނޫ ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި އެންމެ ފަހުން ތިއްބެވީ 50 މެންބަރުންނެވެ. އެއީ ތެރޭގައި ކޮންމެ އަތޮޅަކަށް 2 މެންބަރުންނާއި، މާލެއަށް 2 މެންބަރަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 8 މެންބަރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް އިތުރު ނުކުރުމަށް ބިލެއް ހުށަހަޅާފައިވާއިރު، މާލެ ދާއިރާއަށް ދެ ގޮނޑި އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މާލޭ ދާއިރާގެ ތެރެއިން ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ މިހާރު އޮތް ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި ހެންވޭރު ހުޅަނގު ދާއިރާއެވެ. އަދި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި ހުޅުމާލޭ ދާއިރާ އަކީ މިފަހަރު އަލަށް ކަނޑައަޅަން ނިންމާފައިވާ ދެ ދާއިރާއެވެ.