ވާރޭފެން ނަގައި ރައްކާކުރުމަށް ކައުންސިލް ތަކުންނާއި ސަރުކާރުން ބާރުއަޅަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ފެނަށް ޖެހިގެން 40 އަށްވުރެ ގިނަ ރަށުން އެހީތެރިކަމަށް އެދި ރިޕޯޓު ކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައި އަލީ ހުސައިން ވިދާޅުވީ ވާރޭފެނަކީ މާތްﷲ އުޑުން ފޮނުއްވާ އަގު ނުކުރެވޭ ބޮޑުނިއުމަތެއްކަން ދަނެ މިހާރަށްވުރެ ބޮޑަށް އިސްކަންދީގެން ވާރޭފެން ނަގަން ޖެހޭ ކަމަށެވެ.
"ވާރޭފެނަކީ މާތްﷲ އަހަރެމެންނަށް އުޑުން ފޮނުންވާ އަގުނުކުރެވޭ ބޮޑުނިއުމަތެއްކަން ދަނެ މިހާރަށްވުރެ އިންތިހާޔަށް ބޮޑުތަނުން އިސްކަންދީގެން ވާރޭފެން ނަގައި ރައްކާކުރުމަށް ކައުންސިލްތަކުންނާއި ސަރުކާރުން ބާރުއަޅަން ޖެހޭ." އަލީ ހުސައިން ވިދާޅުވިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން އިއްޔެ ބުނެފައިވަނީ މި ހޫނު ގަދަ ދުވަސްވަރު ފެނަށް ޖެހިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 48 ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 27 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެހީތެރިކަމަށް އެދިގެން ރިޕޯޓުކުރި އަތޮޅުތަކުގެ ތެރޭގައި ހިމެނެނީ ހއ، ހދ. ށ، ނ، ރ، ބ، ޅ، އއ، އދ، ވ، މ، ދ، ތ، ލ އަދި ގދ. އެވެ.