މަތީ ގައުލީމު

މަތީތައުލީމު ހާސިލުކުރަން ގޮސްތިބި ކުދިންނަށް ޖޫން މަހާ ހަމަށް ފައިސާ ވަނީ ދޫކޮށްފައި: މިނިސްޓަރު

ސަރުކާރުގެ ލޯންސްކީމުގެ ދަށުން، ބޭރުގައުމުތަކުން މަތީތައުލީމް ހާސިލްކުރަން ގޮސްތިބި ކުދިންނަށް އަންނަ ޖޫން މަހާ ހަމަށް ފައިސާ ފޮނުވާފައިވާ ކަމަށް ހަޔާ އެޑިއުކަޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިމަތިވެފައިވާ ކޮވިޑް 19 އާ ގުޅިގެން ކުރީކޮޅު ކޮންމެވެސް ވަރަކަށް ދަތިވި ނަމަވެސް ޖޫން މަހާއި ހަމައަށް މިހާރު އެފަރާތްތަކަށް ފައިސާ ފޮނުވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ބޭރު ގައުމުތަކުގައި ތިބި ކިޔަވާ ކުދިންގެ ތެރެއިިން ރާއްޖެ އަންނަން ބޭނުންވާ ކުދިން ގެނައުމުގެ މަސއްކަތް އެއޮންނަ އުސޫލުން ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އަދި އެފަދަ ކުދިން އެ މިނިސްޓްރީއަށްވެސް އެކަންތައްތައް ހުށަހަޅަމުން އަންނަ ކަމަށާއި، ނަމަވެސް ކުދިން ރާއްޖެ ގެނައުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ ފޮރިން މިނިސްޓްރީން ކަމުން އެ މިނިސްޓްރީން އެކަމަށް މސައްކަތް ކުރަންމުން ގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ބައެއް ގައުމުތަކުގައިތިބި ކިޔަވާކުދިން ދާން ޖެހޭ ކޮލެޖުތައް ކޮވިޑް19 އާ ގުޅިގެން ބަންދުވުމުން އެހެން ކޮލެޖަކަށް، ބަދަލު ވުމަށާއި އޮންލައިންކޮށް ކިޔެވުން ހަމަޖައްސައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހަޅާ ކަމަށެވެ.

އެފަދަ ބައެއް ދަރިވަރުންނަށް ކަމާބެހޭ ލިޔުން ދޫކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ސްކޯލާޝިޕްތަކުގެ އިތުރުން އަމއިްލައަށް ކިޔަވަން ގޮސް ބޭރުގައުމުތަކުގައި ތިބި ކުދިންވެސް ކޮވިޑް 19 އާ ގުޅިގެން މިނިސްޓްރީގެ އެހީތެރިކަމަށް އެދެމުން އަންނަ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތްތަނުގައި އަމިއްލައަށް ބޭރަށް ކިޔަވަންދާކުދިން ވެސް އެމިނިސްޓްރީގައި ރަޖިސްޓްރީ ކުރުމުގެ އިިންތިޒާމް ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އޭރުން އެގައުމެއްގައި ތިބި ދިވެހި ކިޔަވާކުދިންގެ އަދަދު އެނގި މިފަދަ ހާލަތްތަކުގައި އެހުރިހާ ކުދިންނަަށް އަޅައިލުމަށް ސަރުކާރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"މިފަހަރުވެސް މިވީގޮތަކީ ޗައިނާގެ ހުވާން ޕްރޮވިންސްގައި ތިބި ކިޔަވާކުދިންގެ އަދަދު ބަލަން ޖެހުނީ އެތަނަށް ސަރުކާރުން ކިޔަވަން ގޮސްހުރި ކުއްޖަކާ ގުޅައިގެން އެކުއްޖާލައްވާ. އެހެންކަމުން އަމިއްލަ ގޮތުންވިޔަސް ރާއްޖޭން ބޭރަށް ކިޔަވަންދާކުދިން ރަޖިސްޓްރީކުރާނެ ދަފުތަރެއް އޮތުމުން އެކި ގައުމުތަކުގައި ތިބި ކުދިންގެ އަދަދު ދެނެގަނެ އެފަރާތްތަަކަށް އެހީތެރިވާން ފަސޭހަވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.