ކުޑަކުދިންގެ ހިޔާގައި އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ކުޑަކުދިން ބަލަހައްޓާ ހަތަރު މަރުކަޒަކަށް އެ ކޮމިޝަނުން ޒިޔާރަތްކޮށް އެ މަރުކަޒުތަކުން ފާހަގަވެފައިވާ ކަންކަން އާންމުކޮށް ކޮމިޝަންގެ ރައީސް އާފިޔާ އަލީ ސޮއިކުރައްވައި ނެރުއްވެވި ބަޔާނެއްގަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި އެ ކޮމިޝަނުން ރޭ ނެރުނު މި ބަޔާނުގައި ބުނީ މިމަހުގެ 10 އަދި 11 މި ދެދުވަހު އެ ކޮމިޝަންގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށް ބެލި އިރު އެތަނުގެ އާންމު ސާފު ތާހިރުކަމާއި ތަނުގެ ސެކިއުރިޓީއާއި ހިންގުމާއި، ކުދިންނަށް ލިބޭ ހިދުމަތްތަކާ ގުޅިގެން މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެކަންކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެންދަން ހާއްސަ ރިޕޯޓެއް އެ ކޮމިޝަނުން އެކުލާފައިވާ ކަމަށާއި އެ ރިޕޯޓުގައި އެތާނގެ އާންމު ސާފުތާހިރުކަމާއި ތަނުގެ ސެކިއުރިޓީއާއި ތަނުގެ ހިންގުމާއި، ކުދިންނަށް ލިބޭ ހިދުމަތްތަކާ ގުޅިގެން މިހާރުން މިހާރަށް ރަނގަޅު ކުރަންޖެހޭ 34 ކަމެއް ފާހަގަކޮށްފައިވާނެ ކަމަށެވެ.
މި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ހިއްސާ ކޮށްފައިވާއިރު ރިޕޯޓުގައިވާ އެންމެހާ ކަންކަން ސަރުކާރުން ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން އެ ކޮމިޝަނުން ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ ދައުލަތުގެ އެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، ކުޑަކުދިން ޝާމިލުވާ މައްސަލަތަކުގައި އިދާރާތަކުން އަމަލު ކުރަމުން އަންނަ ގަވާއިދުތަކާއި، އުސޫލުތަކާއި ސްޓޭންޑާޑް އޮޕަރޭޝަން ޕްރޮސީޖާތައް ރިވިއު ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.