ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި އުޅޭ ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މޯލްޑިވިއަން އިން އަންނަ ހުކުރު ދުވަހު ޔޫއޭއީއަށް ކުރުމަށް ހަމަޖައްސާފައިވާ ކާގޯ ފްލައިޓުގައި އެގައުމުގައި ތިބި ދިވެހިންނަށް ފޮނުވަން ބޭނުންވާ ތަކެތި، ފޮނުވައިދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެހީގެ ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު 3:00 އަށް ވެލާނާ އެއާޕޯޓުގެ ޑިޕާޗާ ހޯލް ކައިރީގައި ބަހައްޓާފައިވާ ހާއްސަ ކައުންޓަރުތަކުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ކާގޯގެ ގޮތުގައި ކޮންމެ އާއިލާއަކަށް ފޮނުވޭނީ ގިނަވެގެން 15 ކިލޯގެ ތަކެއްޗެވެ. އެކަމަށް އެދޭ ފަރާތްތަކުން ފޮރިން މިނިސްޓްރީން އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރައި ހުށަހަޅަން ވަނީ އެދިފައެވެ.
ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތީގެ ތެރޭގައި ހިމެނެނީ:
– މަސް ދަޅު ކޭސް
– ރިހާކުރު (އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
– ހިކިމަސް، މުގުރިމަސް، ވެކިއުމް ޕެކްޑް ވަޅޯމަސް
– މަސް ޕެކެޓް، ފަތް ޕެކެޓް، ސަމްބޮލް (އޮރިޖިނަލް ޕެކިންގައި ލޭބަލާއެކު)
– ޗިލީ ޕޭސްޓް، މަސްމިރުސް (އޮރިޖިނަލް ޕެކިންގައި ލޭބަލާއެކު)
– ހަވާދު ޕެކެޓް
– ތެލުލި ބަނބުކެޔޮ، އަލަ، ކުޅި ކާޖާ (އޮރިޖިނަލް ޕެކިންގައި ލޭބަލާއެކު)
ރާއްޖެއިން ފޮނުވާ ތަކެތި ޔޫއޭއީގެ ކަސްޓަމްސްއިން ކްލިއާ ކުރުމަށް ފަހު އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން އެތަކެއްޗާ ހަވާލުވާނެ ކަމަށާއި އެތަކެތި ލިބެންވީ ފަރާތްތަކާ ހަވާލު ކުރާނީ އެމްބަސީން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ސަރުކާރުގެ އެހީގައި މީގެ ކުރިން ވަނީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ކެއާ ޕެކޭޖު ފޮނުވައިފައެވެ.