ޚަބަރު

އާސަންދައިގެ އެހީގައި އިންޑިއާއަށް ގޮސް ތިބި 152 ދިވެއްސަކު މާދަމާ ރާއްޖެ ގެންނަނީ

އަލީ ޔާމިން

އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 152 ދިވެއްސަކު މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅައިފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އިންޑިއާގެ ބެންގަލޫރާއި ކޮޗިންގައި ތިބި 152 ދިވެހީން މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި، އެ އެންމެންނަކީވެސް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ގޮސް ތިބި މީހުންނާއި އެމީހުންގެ އެހީތެރިން ކަމަށެވެ.

ރާއްޖޭން ބޭރުގައި ތިބި ދިވެހީންގެ ތެރެއިން 8،000 އަށް ވުރެ ގިނަ ދިވެހީން އެނބުރި ގައުމަށް އަންނަން ރެޖިސްޓާކޮށްފައިވާއިރު ރެޖިސްޓާ ނުކޮށް ވެސް ގިނަ އަދަދެއްގެ ދިވެހިން އެބަތިއްބެވެ.

މަބްރޫކް ވިދާޅުވީ، އެންމެ އުފާވެރި ގޮތަކީ އަންނަން ބޭނުން އެންމެން އެއްފަހަރާ ރާއްޖެ ގެނައުން ކަމަށާއި، ނަމަވެސް މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން އަންނަން ޖެހޭ މީހުން ނޫން އެހެން މީހުން ނައިސް މަޑުކުރުމަކީ ބުއްދިވެރިކަމެއް ކަމަށެވެ.

"އެންމެންނަށް އެއްފަހަރާ އާދެވޭނެ ގޮތް ނުވަންޏާ މިއީ ހަމަ އުނދަގޫ ވާހަކައެއް ކަން އެނގޭ ދައްކަން. އެންމެ ރަނގަޅު ގޮތަކީ އެންމެ އުފާވެރިގޮތަކީ އަންނަން ބޭނުން އެންމެ އެއްފަހަރާ ރާއްޖެ ގެނައުން،" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މީގެ ކުރިން ވަނީ އިންޑިއާގައި ތިބި 388 ދިވެއްސަކު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާއްޖެ ގެނެސްފައެވެ. އަދި ލަންކާއިން 100 ދިވެއްސަކު، މެލޭޝިއާއިން 197 ދިވެއްސަކު ވަނީ ރާއްޖެ ގެނެސްފައެވެ.