އެޕޯލޯ ހޯލްޑިންގްސްގެ އޮފީހުގައި ހުރި ތިޖޫރި ފަޅާލައި 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ ވައްކަމުގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ކަމަށެވެ. އަދި އެ ވައްކަމުގައި އެ އޮފީހުގެ ތިޖޫރި ހަލާކު ކޮށްލައިގެން 1.7 މިލިއަން ރުފިޔާ އާއި 2200 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ކޮވިޑް19 ގެ ބަލިމަޑުކަން މުޅިދުނިޔެއަށް ފެތުރިފައިވާ މި ދަނޑިވަޅުގައި ގައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް އޮތްތޯ ސާފުކުރުމަށް ފުލުހުންނާއި ސިފައިންނަށް 241 ކޮމެޓީން ފޮނުވި ސިޓީއަށް ޖަވާބު ދެމުން ފުލުހުން ވަނީ، މިދުވަސްވަރު ރާއްޖޭގައި ވައްކަމާއި މާރާމާރީއައި މަސްތުވާތަކެތީގެ ވިޔަފާރި އިތުރުވެދާނެކަމާއި ގެވެށި އަނިޔާފަދަ ކަންކަން ވެސް އިތުރުވެދާނެ ކަމަށް ބަލައި ހާއްސަ އިޖުރާއަތްތަކެއް ފުލުހުން ކަނޑައަޅަފައިވާކަން ހާމަކޮށްފައެވެ.