އަލީ ޔާމިން
ކޮމިއުނިޓީ ސްޕްރެޑް އޮތްތޯ ބެލުމުގެ ސާވޭ ކުރާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިފައިވޭތޯ ބެލުމަށްކުރާ ސާވޭގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެ ސާވޭގެ ތެރެއިން މާލޭ ސަރަހައްދުގެ އޯޕީޑީތަކާއި ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީތަކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން ފުލޫ ކުލިނިކަށް ޒިޔާރަތްކުރާ މީހުންގެ ތެރެއިން ހޮވާލެވޭ ބައެއް ފަރާތްތަކާއި ބިދޭސީންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ ބައެއް މީހުން ވެސް ޓެސްޓު ކުރާނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ
"ފުރަތަމަ އާންމު ޕޮޕިއުލޭޝަންގެ ތެރެއިން ނަގާނީ މާލޭ ސަރަހައްދުގައާއި އަދި ރީޖަނަލް ސަރަހައްދުތަކުގައި ބައެއް އޯޕީޑީތަކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކެއް. އެއީ އުމުރުން ފަސް އަހަރާއި 65 އަހަރާ ދެމެދުގެ ބޭފުޅުންގެ ތެރެއިން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑޮކްޓަރު ވިދާޅުވީ، ބައިނަލްއަގުވާމީ ބަނދަރުތައް ހުންނަ ބައެއް ރަށްރަށް ނުވަތަ ގެސްޓު ހައުސްތައް ގިނަ ފަސް ރަށަކުން ހޮވާލެވޭ ބައެއް ފަރާތްތަކުގެ ސާމްޕަލް ވެސް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މާލޭގައްޔާއި އަތޮޅުތެރޭގެ ބައެއް ފެސިލިޓީތަކުގައި އެންޓި ބޮޑީ ޓެސްޓު ހެދުމަށް ވަކި އަދަދަކަށް ސާމްޕަލް ނެގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.