އަލީ ޔާމިން
އެރިޔަދޫގައި ކަރަންޓީނު ފުރިިހަމަކުރި މީހުން އިތުރަށް ބައިތިއްބަނީ ޕޮޒިޓިވްވި މީހާއާ އެތަނުން ބައްދަލުވެފައިވޭތޯ ބެލުމަށް ކަމަށް ސަރުކާރުން ބުނެފިއެވެ.
އެރިޔަދޫ ކަރަންޓީން ފެސިލިޓީން ޕޮޒިޓިވްވި ދިވެއްސަކީ ފިލިޕީންސްގައި ހުރެފައި ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީގައި ހުރި މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އެމީހާ ބައްޔަށް ޕޮޒިިޓިވްވިއިރުވެސް ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށެވެ.
ކޮވިޑް 19 އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، އެރިޔަދޫއިން ދޫކޮށްލަން ނިންމާފައި ތިބި އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެމީހުންގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރަން ނިންމާފައިވަނީ އެތަނުން އެއްވެސް މީހަކު ޕޮޒިޓިވްވި މީހާއާ ބައްދަލުވެފައިވޭތޯ ބެލުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ކޮޓަރީގެ ދޮރުމައްޗަށް ނުކުންނަން ހުއްދަދެވިފައި މިވަނީ. އެކަމުގެ ތެރޭގައި ބައްދަލުވެ އެފަދަ ކަމެއް ހިނގައިފައިވޭތޯ އަޅުގަނޑުމެން ބަލަން ބޭނުންވެގެން މިއުޅެނީ." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެފަދަ ކަމެއް ހިނގިތޯ ކަށަވަރުކުރުމަށް ޓެގް ޓީމުން އެރަށުގައި ހާއްސަ ތަހުގީގެއް ކުރުމަށް ނިންމާފައިވާ ކަމަށާއި އެ ތަހުގީގު ނިމެންދެން އެރަށުން މީހުން ފޭބުން މަނާކުރަން ޓެގުން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެރިޔަދޫގައި ތިބި އިތުރު ބައެއްގެ ގައިން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެންނާތީ 17 މީހެއްގެ ސާމްޕަލް މިހާރު ނެގިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.