އަލީ ޔާމިން
އެރިޔަދޫ ކަރަންޓީނު ފެސިލިޓީގައި ހުރި ދިވެހި މީހާ ޕޮޒިޓިވްވުމާ ގުޅިގެން އެތަނުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކޮށްފައިވާ މީހުން އިތުރަށް ބޭތިއްބުމަށް ނިންމައިފިއެވެ.
އެ ފެސިލިޓީން ޕޮޒިޓިވްވި ދިވެއްސަކީ ފިލިޕީންސްގައި ހުރެފައި ރާއްޖެ އައިސް ކަރަންޓީނުގައި ހުރި މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންނެވެ. އަދި ޓެސްޓު ހެދިއިރުވެސް ބަލީގެ އެއްވެސް އަލާމާތެއް ނެތްކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެރިޔަދޫއިން ދޫކޮށްލަން ނިންމާފައި ތިބި އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުކުރުމަށް ޓެގް ޓީމުން ނިންމާފައިވާ ކަމަށާއި އިތުރު ފިޔަވަޅުތައް އެޅުމާމެދު މަޝްވަރާކުރެވެމުން އަންނަ ކަމަށެވެ.
އެގޮތުން ކަރަންޓީންގައި ތިބިއިރު އެކަކު އަނެކަކާ ބައްދަލުވެ، ދީފައިވާ އިރުޝާދުތަކާ ހިލާފުވެފައިވޭތޯ ބެލުމަށް ޓެގް ޓީމުން ތަހުގީގެއް ކުރިއަށްގެންދަން ނިންމާފައިވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
"ޓެގުން ބޭނުންވޭ އިންވެސްޓިގޭޝަނެއް ހަދަން. އެއްވެސް މީހަކާ އެގޮތަށް ނުކުމެ އުޅުނު އިރުވެސް ދިމާވެފައިވޭތޯއާއި އެނޫންވެސް ކަންކަން ބެލުމަށް." މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެރިޔަދޫގައި ތިބި އިތުރު ބައެއްގެ ގައިން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން 17 މީހެއްގެ ސާމްޕަލް މިހާރު ނެގިފައިވާ ކަމަށެވެ.