ފަސޭހައިން އެއިޑްސްއަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗުން އިންތިޒާމްކުރާ "ނޯ ޔުއަރ ސްޓޭޓަސް" ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފި އެވެ.
މިއަދު އައިޖީއެމްއެޗުގައި ފައިސަލް އެ ކެމްޕެއިން އިފްތިތާހު ކުރައްވާފައިވާއިރު އެމަނިކުފާނު ވަނީ އެ ރަސްމިއްޔާތުގައި ޓެސްޓު ހައްދަވާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އެއިޑްސް ޖެހޭ މީހުންގެ މިންވަރު އިތުރުނުވެ ހިފެހެއްޓިފައި ވުމީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
އަދި އެފަދަ ކާމިޔާބީއެއް ހާސިލްކުރުމުގައި އެއިޑްސްއަށް ޓެސްޓުކޮށް އެމީހެއްގެ ހާލަތު ދެނެގަނެވިފައި އޮތުމަކީ އެ ބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފައިސަލް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވީހާވެސް ގިނަ ބަޔަކު އެއިޑްސް ބައްޔަށް ޓެސްޓްކުރުން މުހިއްމު ކަމަށެވެ. އަދި ވަކީން ހާއްސަކޮށް ގިނަ ޒުވާނުން އެއިޑްސް ބައްޔަށް ޓެސްޓުކޮށް އަމިއްލަ ހާލަތު ދެނެގަނެ، އެ ބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާމެދު ހޭލުންތެރިވެ އެވާހަކަތައް ދެއްކުމަށް ފައިސަލް ވަނީ ގޮވާލައްވާފައެވެ.