އަލީ ޔާމިން
އަލާމާތްތައް ފެނުނު ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ މުވައްޒަފުގެ ދެވަނަ ސާމްޕަލް ވެސް ނެގަޓިވްވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ރިސޯޓުން ބައްޔަށް ޝައްކުކުރެވެނީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމަށެވެ.
އޭނާގެ ފުރަތަމަ ޓެސްޓުގެ ނަތީޖާ މީގެ ކުރިން ނެގެޓިވްވެފައިވާއިރު، އޭނާގެ ހާލު ބޮޑުވުމާ ގުޅިގެން ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، އިތުރު ޓެސްޓެއް ހަދާފައިވާކަމަށް އިއްޔެ މަބްރޫކް ވިދާޅުވިއެވެ. މިރޭ މަބްރޫކް ވިދާޅުވީ، އިއްޔެ ހެދި ދެވަނަ ޓެސްޓުގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވްވިކަން އެނގިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
"މިރޭގެ ވަގުތެއްގައި އެމީހާގެ ދެވަނަ ސާމްޕަލްވެސް ނެގެޓިވްވެފައި މިވަނީ." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެމީހާގެ ދެވަނަ ސާމްޕަލްވެސް ނެގެޓިވްވުމުން އެ ރިސޯޓު މޮނީޓަރިންގެ ހާލަތުން ނެގުމާ ގުޅޭގޮތުން ޓެގް ޓީމުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް ވަނީ ޖުމްލަ 20 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި 15 ބިދޭސީންނެވެ. ކޮވިޑަށް ޕޮޒިޓިވްވި 14 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައެވެ. ރަނގަޅުވި މީހުންގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ.