މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ފެނަށް ޖެހިގެން 48 ރަށަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ފެން ހުސްވެގެން އެ މިނިސްޓްރީއަށް އަންގާފައިވާ 48 ރަށަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިނިސްޓްރީއަށް ރިޕޯޓު ކުރި ރަށްތައް ކަމަށެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިހާތަނަށް ފެނަށް އެދި މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ 15 އަތޮޅަކުންނެވެ. އެއީ މ، އއ، ނ، ވ، ހދ، ގދ، ތ، ށ، ރ، ދ، ލ، ހއ، ޅ، ބ އަދި އދ އަތޮޅެވެ.
މިހާރު އެ ރަށްތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިހާތަނަށް 27 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.