ކޮވިޑް 19އާ ގުޅުވައިގެން އެއްވެސް ފަރާތަކުން ކޮރަޕްޝަންގެ އަމަލެއް ހިންގާކަން ފާހަގަކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެދިއްޖެއެވެ.
އޭސީސީން މިހެން ބުނެފައިމިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކި އިދާރާތަކުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކޮރަޕްޝަންގެ ކަންބޮޑުވުންތަކާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ.
އެގޮތުން އޭސީސީން ބުނީ ކޮވިޑް 19އާ ގުޅޭގޮތުން ދައުލަތުގެ އެކި އިދާރާތަކުން، ކުރަމުންގެންދާ ކަންކަމުގައި، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ކޮރަޕްޝަނަށް އޮތް ހިރާސްތައް ކުޑަކުރުމަށްޓަކައި، ދައުލަތުގެ އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތްތަކާ މެދު އިރުޝާދު ދިނުމަށް ބޭނުންވާ މައުލޫމާތު ދިރާސާކުރަމުން އަންނަ ކަމަށް އޭސީސީން ބުނެއެވެ.
މީގެ އިތުރުން މީސް މީޑިއާގައި ދައުރުވަމުންދާ ޝަކުވާތަކާ ގުޅިގެން ކޮމިޝަނުން އިސްނަގައިގެން އެކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
މި ހައްސާސީ ދަނޑިވަޅުގައިވެސް ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމުގެ އުސޫލުތައް އޭގެ އެންމެ މަތީ ދަރަޖައިގައި ހިފަހައްޓައި ނެގެހެއްޓުމަކީ މިކަމުގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި މި ހާލަތުގައި ދައުލަތުގެ މާލިއްޔާއިން ހޭދަކުރުމުގައްޔާއި ނިންމުންތައް ނިންމުމުގައި އެ އުސޫލަށް ތަބާވުމަށް ވެސް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.
އޭސީސީން ބުނީ މިވަގުތުގައި ދައުލަތުން ކުރާ އަގުހުރި މަސައްކަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފޭނީ އެ މަސައްކަތުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދެވިގެން ކަމަށާއި އެހެންކަމުން ކޮވިޑް 19އާ ދެކޮޅަށް ކުރެވޭ މަސައްކަތާ މެދު އާންމު ރައްޔިތުން ފަރުވާތެރިވެ، ކޮރަޕްޝަނުގެ އަމަލުތަކާ މެދު ޝައްކުވާ ހާލަތުގައި ލިބެން ހުންނަ އެންމެ ގިނަ ހެކި ގަރީނާއާއެކު ހުށަހެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮރަޕްޝަން ހުއްޓުވައި މަނާކުރުމާ ގުޅޭ އެންމެހައި ޒިންމާތައް ޖެހިލުމެއް ނެތި އަދާކުރާނެ ކަމަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބުނެފައިވެއެވެ.