ކޮވިޑް 19އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި އަދި ކުރިއަށް އޮތްތަނުގައި އަޅަން ގަސްދުކުރާ ފިޔަވަޅުތަކާގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެކި ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށާއި މިހާރުން މިހާރަށް އެޅިދާނެ ފިޔަވަޅުތަކުގެ މައްޗަށް ވެސް މެންބަރުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން ކޮވިޑް 19 ރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކުރަމުން ގެންދަވާ މަސައްކަތްތަކާއި އަޅަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ވަޒީރުން ފާހަގަކުރެއްވިއެވެ.
އަދި އެބަލި ފެތުރުން ހުއްޓުވުމަށް ރާއްޖޭގެ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ޝުކުރު އަދާކުރެއްވިއެވެ.