ޚަބަރު

ގާނޫނުގައި ބުނާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް ކަނޑައަަޅައި، އީސީން އެކަން އިއުލާނުކޮށްފި

އިބްރާހިމް ޒަކީ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު މިމަހު 18 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނިކޮށް، ކޮވިޑް 19އާ ގުޅިގެން އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިމަހުގެ 30 އަށް އެޗްޕީއޭއިން އިތުރުކުރުމާ ގުޅިގެން ގާނޫނުގައި ބުނާ މުއްދަތުގައި އެ އިންތިހާބުތައް ބޭއްވެން ނެތް ކަމަށް ކަނޑައަޅައި އެކޮމިޝަނުން މިއަދު އެކަން އިއުލާންކޮށްފިއެވެ.

އެކަން އާއްމުކޮށް އީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިންތިިހާބުގެ ކަންކަން ހިނގަނީ ބިރުވެރިކަމެއް ނެތް މާހައުލެއްގައި، ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ފުރިހަމައަށް އަދާކުރެވޭ، ގޮތަށްކަން ކަށަވަރުކުރުމަކީ އެކޮމިޝަންގެ ޒިންމާއެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އީސީގެ މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގައުމީ މަސްއޫލިއްޔަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަބަދުމެ ކުރިއަށް ނެރެ، އިސްކަންދޭންވާނެ ކަމަށް ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާތީ، ހެލްތު މިނިސްޓްރީގެ ގަރާރާ ގުޅިގެން އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިހާބު ބޭއްވެން ނެތް ކަމަށް ކަނޑައަޅައި އެކަން އާއްމުކޮށް އިއުލާންކުރަން،" ކަމަށް އީސީން ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުުގެ ހާލަތު ނިމި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުވުމާއެކު، ނުވަތަ އެކަަމަށް އަމަލު ކުރާނެ ގާނޫނީ ހައްލެއް ލިބުމާއެކު އިންތިހާބުތަކާ ގުޅިގެން އިތުރަށް ކަނޑައަޅާގޮތެއް އެ ކޮމިޝަނުން އާއްމު ކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން އިއުލާންކޮށްފައިވާ އިރު، އަންނަ އަހަރުގެ ޖެނުއަރީ ހަޔަކާ ހަމައަށް އިންތިހާބު ފަސްކުރުމަށް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ބިލު 2020" ގެ ނަމުގައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.

އެ ބިލުގެ މަަސައްކަތް ކުރިއަށްގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތް ނަމަވެސް މަޖިލިސް ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ.