ލައިފް ސްޓައިލް

ކޮވިޑާ ހެދި ޕާޓީ ނުބޭއްވުނު ކުއްޖަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފަންދުވަހުގެ ތަހުނިޔާ!

މުހައްމަދު އައުޒަމް

ކޮވިޑް 19ގެ ސަބަބުން ގައިދުރު ކުރުމަށާއި ބޭރަށް ނުނިކުމެ ގޭގައި ތިބުމަށް ސިއްހީ މާހިރުން އިރުޝާދު ދެމުންދާތީ އެންމެން އެއްވެގެން ހަފުލާތައް ބޭއްވުމަކީ މިހާރު އުދަނގޫ ކަމެކެވެ. ކުރަން ރަނގަޅުކަމެއް ވެސް ނޫނެވެ.

މިދިޔަ ހޮނިހިރު ދުވަހު އުމުރުން 12 އަހަރު ފުރުނު އެމެރިކާއަށް އުފަން ބްރޭންޑަން ވެސް އޭނާ އެންމެ އުންމީދުކޮށްގެން ހުރި ފަދަ ޕާޓީއެއް ނުބޭއްވުނެވެ. ކޮވިޑުގެ ސަބަބުންނެވެ. ނަމަވެސް ޖިއޮގްރަޕީއަށް ލޯބިކުރާ ބްރޭންޑަން އަށް ލިބުނީ ތަފާތު އެހެން އުފާވެރިކަމެކެވެ.

ބްރޭންޑަންގެ އުފަން ދުވަސް ފާހަގަކުރުމަށް ޕާޓީއެއް ނުބޭއްވުނުކަން ޓުވީޓަރުގައި ހިއްސާކުރީ ބައްޕަ ޖޯޑީ ސްމިތެވެ.

އޭނާ ކުރި ޓުވީޓުގައި ބުނީ، ބްރޭންޑަން އަކީ ޖިއޮގުރަފީއަށް ލޯބިކުރާ ކުއްޖެއް ކަމަށާއި އެހެންކަމުން އެމީހަކު ހުރި ތަނެއް ބުނެދީ އޭނާގެ ޓުވީޓު ރީޓުވީޓް ނުވަތަ އެއަށް ރިޕްލައި ކޮށްދިނުމަށް ބްރޭންޑަން އެދޭ ކަމަށެވެ. އެއީ ބްރޭންޑަން ގެންގުޅޭ ދުނިޔޭގެ މެޕުގައި އެމީހަކު ފާހަގަކޮށްލުމަށެވެ.

ބްރޭންޑަންގެ ބައްޕަގެ ޓުވީޓް --

ބްރޭންޑަންގެ ބައްޕަގެ މި ޓުވީޓާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބްރޭންޑަން އަށް އުފަން ދުވަހުގެ ތަހުނިޔާ އޮހެން ފެށިއެވެ. އަދި ބްރޭންޑަން ދިޔައީ އެ އެންމެން ތިބި ގައުމެއްގައި ފާހަގަޖަހަމުންނެވެ.

އެގޮތުން ބްރޭންޑަންގެ ބައްޕަގެ ޓުވީޓަށް 126،000 އަށްވުރެ ގިނަ ލައިކް ލިބިފައިވާއިރު 34،000 އަށްވުރެ ގިނަ މީހުން އެ ޓުވީޓު ރީޓުވީޓް ކޮށްފައިވެއެވެ. އަދި 106،000 އަށްވުރެ ގިނަ މީހުން އެ ޓުވީޓަށް ރިޕްލައިކޮށްފައި ވެއެވެ.

ބްރޭންޑަން އަށް ތަހުނިޔާ ފޮނުވި މީހުން ފާހަގަޖަހަން ގެންގުޅުނު ދުނިޔޭގެ ޗާޓުގައި ރާއްޖޭން ވެސް އޭނާއަށް ތަހުނިޔާ ފޮނުވި ކަމަށް ފާހަގަ ޖަހާފައި ވެއެވެ. ނަމަވެސް އެއީ ކިތައް މީހުންކަމެއް ނޭނގެއެވެ.

މިކަމާ ގުޅިގެން ބްރޭންޑަންގެ ބައްޕަ ބުނީ، އޭނާގެ ދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރުމުގައި މިހާ ގިނަ ބަޔަކު ބައިވެރިވުމަކީ ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ގޭގައި ތިބި މީހުންނާ ގުޅުން ބަދަހިކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.