ޚަބަރު

ލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް އިތުރު ކެއާ ޕެކޭޖުތަކެއް ޑެލިވާކޮށްދީފި

މަރިޔަމް ޝަހުދާ

ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ތިބި ދިވެހިންނަށް މިއަދު އިތުރު ކެއާ ޕެކޭޖްތައް ޑެލިވާކޮށްދީފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު ލަންކާގެ ކޮލަމްބޯ، މެލޭޝިއާގެ ކުއަލަލަމްޕޫރު އަދި އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކޮޗިން އަދި ތިރުވަންނަތަޕޫނަމް ސިޓީގައި ތިބި އެކި ދިވެހިންނަށް ފޮނުވާފައިވާ ކެއާ ޕެކޭޖުތަކެއް ވަނީ ހަވާލުކޮށްފައެވެ. އަދި އިތުރު ކެއާ ޕެކޭޖުތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން ލަންކާގައި މިހާތަނަށް 500 ކެއާ ޕެކޭޖު ޑެލިވާ ކޮށްދީފައިވާނެ ކަމަށް މިނިސްޓަރީން މައުލޫމާތުދެއެވެ. ރާއްޖެއިން ލަންކާއަށް ފޮނުވާފައިވަނީ ޖުމްލަ 622 ކެއާ ޕެކޭޖެވެ. މީގެ ތެރެއިން 122 ކެއާ ޕެކޭޖު ޑެލިވާ ނުކޮށްދެވި އެބަހުރި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި ކެއާ ޕެކޭޖުތައް މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ޑެލިވާ ކޮށްދޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މެލޭޝިއާއަށް މިހާތަނަށް ޖުމްލަ 452 ކެއާ ޕެކޭޖު ރާއްޖެއިން ފޮނުވާފައިވާ ކަމަށް މިނިސްޓްރީން މައުލޫމަތުދެއެވެ. މީގެ ތެރެއިން 65 ކެއާ ޕެކޭޖު ހަވާލު ކުރެވިފައިވާ އިރު، ބާކީ 387 ކެއާ ޕެކޭޖު މި ހަފްތާ ތެރޭ ހަވާލު ކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއިން އިންޑިއާއަށް ޖުމްލަ 144 ކެއާ ޕެކޭޖު ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ތަކެތި އެގައުމުގައި ހުންނަ ރާއްޖޭގެ ކޮންސުލޭޓަށް ލިބިފައިވަނީ އިއްޔެ ކަމަށާއި، މިހާރު މި ކެއާ ޕެކޭޖުތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ހުރިހާ ސިޓީތަކަކީވެސް ކޮވިޑް 19 އާ ގުޅިގެން މިވަގުތު ލޮކްޑައުންގެ ހާލަތުގައިވާ ތަންތަން ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި ވީހާވެސް އަވަހަށް މި ކެއާ ޕެކޭޖުތައް ޑެލިވާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން މި ކެއާ ޕެކޭޖުތައް ޑެލިވާ ކުރަނީ އެއްވެސް އިތުރު ފީއަކާ ނުލައި، ދީފައިވާ އެޑްރެހަށް ކަމަށް މިނިސްޓްރީން ބުނެއެވެ.