ޚަބަރު

ރާއްޖޭގައި ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭ ދުވަސްވަރު ބަދަލުކުރަން ޖެހޭ: އާދިލް ސަލީމް

26

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭ ދުވަސްވަރު ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެއްޖެ އެވެ.

އާދިލް މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓަކާ ގުޅިގެން "ވަން އޮންލައިން"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އާދިލް ވިދާޅުވީ ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީއަށް ބޮޑު ޗުއްޓީ ދިމާވުމުން ދަރިވަރުންނަށާއި ބެލެނިވެރީންނަށް އަދި މުދައްރިސުންނަށް ވެސް އޭގެ ހަގީގީ ފައިދާ ނުވާ ކަމަށެވެ.

"ހަގީގަތުގަ މި ބޮޑު ޗުއްޓީ ކުރީއްސުރެ ދިމާކޮށްފަ މި އޮންނަނީ ބިދޭސީ ޓީޗަރުންނަށް ކްރިސްމަސް އަދި ނިއު އިއަރގެ އުފާ ހޯދައިދޭން އެމީހުންނަށް ޗުއްޓީ ހޯދައިދޭން. އެހެން އޮތީމަ ދިވެހީންނަށް ހުރިހާ ގޮތަކުން ވެސް ލިބެނީ ގެއްލުން. މީ ކޮންމެހެންވެސް ހައްލު އަންނަން ޖެހޭ މައްސަލައެއް. އަޅުގަނޑު މިކަމާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރާ ވެސް ބައްދަލުކުރާނަން." އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ މިހާރު އޮންނަ ގޮތުން ނަމަ ދަރިވަރުންގެ ޗުއްޓީ ދުވަސްވަރު މި ދިމާވަނީ ޓޫރިޒަމްގެ އެންމެ ބާރުބޮޑު ދުވަސްވަރާ ކަމަށާއި އެހެންވެ ދަރިވަރުންނަށް ޗުއްޓީއަކުން ލިބެން ޖެހޭ އުފާތައް ލިބިގަތުމަށް ހުރިހާ ގޮތަކުން ވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ.

"މިސާލަކަށް ބައްލަވާ! މީ ހައި ސީޒަން. ދަރީން ގޮވައިގެން ބޭރަށް ދާން ބަލާ ނަމަ ޓިކެޓާއި ހޮޓާ ތަކުގެ އަގު އިންތިހާއަށް ބޮޑު ވާނެ. ރާއްޖޭގެ ގެސްޓު ހައުސް އަދި ރިސޯޓުތަކަށް ބެލިޔަސް މިދުވަސް ވަރު އަގުތައް ހުންނާނީ ވަރަށް މަތީގައި. އެހެންވީމަ އާއިލާ އެކީގައި އުފާކޮށްލުމަށް ހުރަސް އެބަ އެޅޭ." އާދިލް ވިދާޅުވި އެވެ.

އާދިލް އިތުރަށް ވިދާޅުވީ މި ދުވަސްވަރަށް ދަރިވަރުންގެ ބޮޑު ޗުއްޓީ ދިމާވުމުން ޓޫރިޒަމް ދާއިރާގައި އުޅޭ އާއިލާގެ މެންބަރުންނަށް ޗުއްޓީ ލިބުމުގައި ވެސް ދަތިތައް ހުންނަ ކަމަށާއި އަދި ޗުއްޓީ ލިބުނަސް މިއީ އެންމެ ރަނގަޅަށް ޓިޕްސް އަދި ސާވިސްޗާޖުވެސް ލިބޭ ދުވަސްވަރުކަމުން މުވައްޒަފުންނަށް ވެސް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ މި ދުވަސްވަރުގެ މަންފާ ރަނގަޅަށް ލިބޭނެ ގޮތަކަށް ކަންކަން ހަަމަޖެހިފައި އޮތުން ކަމަށެވެ.

"ހަމަ އެކަނި ޓޫރިޒަމް ދާއިރާގެ ފުލްޓައިމް މުވައްޒަފުންނެއް ނޫން އިނގޭތޯ. އެ ދާއިރާއާ ގުޅޭ ވިޔަފާރީގައި މަސްބާނައިގެން ކިރުވާ މީހުންނާ ކުނި ކަހާ މީހުންނާ ލޯންޑްރީގެ ޚިދުމަތްދޭ މީހުންނާ އެހެން ގޮސް ކިތަންމެ ކިތަންމެ ބަޔަކު ސީދާ މުވައްޒަފުން ނޫން ގޮތުގައި ވެސް ދާއިރާއަށް ޚިދުމަތް އެބަ ކުރޭ. ދަރިވަރުންގެ ޗުއްޓީ ދުވަސްވަރު އެ ކުދިންނާ އެކު ވަގުތު ހޭދަކުރަން ބަލާ އިރު އެންމެންނަށް ވެސް މި ދިމާވަނީ އެންމެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ދުވަސްވަރާ އަދި އެންމެ ރަނގަޅަށް އާމްދަނީވެސް ލިބެން އޮންނަ ދުވަސްވަރާ." އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ސްކޫލުތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭން އެންމެ ރަނގަޅު ދުވަސްވަރަކީ ޖޫން ޖުލައި އަދި އޯގަސްޓު ކަމަށެވެ. އެ ދުވަސް ވަރަކީ ޓޫރިޒަމްގެ ވެސް އެންމެ ދަށް ދުވަސްވަރު ކަމަށާއި ހުޅަނގު މޫސުމުގެ ހަޅަ ވެސް ޖަހާ ދުވަސްވަރުކަމަށް ވުމުން މަސްވެރީންވެސް އެދުވަސްވަރު ވަރަށް ގިނައިން ރަށުގައި ތިބޭނެ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި އެ ދުވަސްވަރަށް ބޮޑު ޗުއްޓީ ބަދަލުކުރުމުން ރާއްޖެ އާއި ރާއްޖޭން ބޭރުން ހޮޓާ ތަކާއި ރިސޯޓުތަކުން ވެސް ވަރަށް އަގުހެޔޮކޮށް ކޮޓަރި ލިބޭނެ ކަމަށް އާދިލް ވިދާޅުވި އެވެ.

"އަދި ޓިކެޓު ވެސް އެދުވަސްވަރު އާދަޔާ ޚިލާފަށް އަގު ހެޔޮ ވާނެ. ވިޔަފާރި ކުރާ ތަންތަނުގައި އަގުހެޔޮ ސޭލްސްތައް ވެސް އެދުވަސްވަރު ވަރަށް ގިނަ ވާނެ." އާދިލް އިތުރަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު ޗުއްޓީގެ ދުވަސްވަރު ކުއްލިއަކަށް ބަދަލުކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުންނާ މިހާރުވެސް މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.

"ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ އެއީ އެހާ އުނދަގޫ ކަމެއް ނޫން. ސެމިސްޓާތައް ދެތިން އަހަރަކަށް ބަހައިލައިގެން އެ ބަދަލުތައް ފަސޭހަ ކަމާއެކު ގެނެވިދާނެ ކަމަށް އެބޭފުޅުން ވިދާޅުވޭ. އެހެން ވެއްޖެ ނަމަ މީ ދަރިވަރުންނާ ބެލެނިވެރީންނަށް އަދި މުޅި ގައުމަށް ވެސް ވަރަށް ފައިދާ ބޮޑު ގޮތަކަށް ވާނެ." އާދިލް ވިދާޅުވި އެވެ.

އާދިލް ސަލީމް ވަނީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ކ. ގުރައިދޫ ދާއިރާއަށް ކުރިަމތިލައްވަން ނިންމަވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟