ޚަބަރު

ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓަށް ނަސޭހަތްދީ، ތަމްރީނެއް ފުރިހަމަކުރަން އަންގަނީ

އައިދާ އަބްދުލް ހަކީމް

ބ. ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ސުލޫކީ މިންގަނޑާ ހިލާފުވެފައިވާތީ ނަސޭހަތްދީ، ތަމްރީނެއް ފުރިހަމަކުރަން އަންގަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ ދަރަވަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޑް އަހުމަދު ލަތީފު ސަލާމް ފޮނުވުމުގެ އުސޫލާ ހިލާފަށް ސަލާމް ފޮނުވާ ކަމަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން ބެލި ބެލުމުން އޭނާ ފަނޑިޔާރުކަމުގެ މައްސޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ގާނޫނު އަސާސީގެ 151 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ މިއަހަރުގެ 29 ވަނަ ބައްދަލުވުމުގައި އިއްޔެ އޯޑިއޯ ވީޑިއޯކޮށް ކޮމިޝަނުގެ އަށް މެންބަރުން ބައިވެރިވި ބައްދަލުވުމުގައެވެ.

މީގެ ކުރިން އަހުމަދު ލަތީފު ހުންނެވީ އޭދަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައެވެ. ނަމަވެސް ޖޭއެސްސީއަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައަކާ ގުޅިގެން 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ. އޭގެ ޖެހިގެން އައި 2017 ވަނަ އަހަރު އޭނާ ދަރަވަންދޫ ކޯޓަށް ބަދަލުކުރިއެވެ. އެކަމަކު އޭރު ބެލީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ނުބުނެއެވެ.

އެފަހަރު އޭނާ ސަސްޕެންޑު ކޮށްފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ ދަށުން ތަހުގީގު ކޮމިޓީން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އެކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅައި، ގާނޫނުގައިވާ ގޮތުގެ މަތީން ލިބިދެވެން ޖެހޭ ފުރުސަތަކަށް ފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ.